ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓާ ދެމެދު އޮތް އެއްބާރުލުމުގެ އެއްބަސްވުން އާކޮށް، އެމްއޯޔޫގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ އިދާރާގެ ދެމެދުގައި އޮތް ފަންނީ އަދި ޕްރޮފެޝަނަލް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން، ޕްރޮސެކިއުޝަންގެ ދާއިރާ ޑިޖިޓަލައިޒް ކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުން ފަދަ ޒަމާނީ ވަސީލަތްތައް ތަރައްގީކުރުމަށް މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އަމަލީ ގޮތުން ދެފަރާތް ގުޅިގެން މަސައްކަތްކުރުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖެއާއި ޗައިނާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބާރުލުން އިތުރުކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ތެރެއިން

މި ތާރީހީ ފިޔަވަޅަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އޮތް ގުޅުން ފުޅާވެ ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެކެވެ. އަދި ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ހުނަރު ހިއްސާކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ފާހަގަކުރެވެއެވެ.