ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ ޓީ ބިލްތައް ވިއްކަން މިނިސްޓްރީން ހުޅުވާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ފިނޭންސް މިނިސްޓްރީން ވަނީ ޖުމްލަ 2.2 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް ހުޅުވާލާފައެވެ. ނަމަވެސް ވިކިފައި ވަނީ ޖުމްލަ 2.1 ބިލިއަން ރުފިޔާގެ ޓީ ބިލެވެ.
އެގޮތުން 1 މަސް ދުވަހުން ދައްކާ ގޮތަށް ވިއްކި ޓީ ބިލްގެ ގޮތުގައި 997 މިލިއަން ރުފިޔާ ލިބިފައިވާއިރު 1 އަހަރު ދުވަހުން ދައްކާ ގޮތަށް ހުޅުވާލި ޓީބިލްގެ ގޮތުގައި 852 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ތިން މަސް ދުވަހުން ދައްކާ ގޮތަށް ހުޅުވާލި ޓީ ބިލްގެ ތެރެއިން 224 މިލިއަން ރުފިޔާގެ ޓީ ބިލް ވިކިފައިވާއިރު ހަ މަސް ދުވަހުން ދައްކާ ގޮތަށް ހުޅުވާލި ޓީ ބިލުން ވަނީ 62 މިލިއަން ރުފިޔާގެ ޓީބިލް ވިކިފައެވެ.
ފިނޭންސް މިނިސްޓްރީން ވިއްކާ ޓީބިލްތައް އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ގަނެއެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ ބޮޑެތި އަދަދު ތަކުން ޓީ ބިލް ވިއްކާފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހާއި މި ހިނގާ ޖެނުއަރީ މަހުވެސް ސަރުކާރުން ވަނީ ޓީ ބިލް ވިއްކުމަށް ހުޅުވާލާފައެވެ.
ޓީ ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕް ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ.
ޓީބިލާއި ޓީބޮންޑުގެ މައުލޫމާތު މީގެ ކުރިން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމު ކުރަމުން ދިޔަ ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ޓީބިލް ވިއްކައި ތަފާސް ހިސާބުތައް ބެލެހެއްޓުން ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.