އެޓާނީ ޖެނެރަލް އަހްމަދު އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުންދިނުމަށް ތާވަލުކޮށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން އެންމެ ފުރަތަމަ ނިންމީ އިއްޔެ ހެނދުނެވެ. އެކަމަކު މެންދުރުފަހު 1:30 ގައި ވަޒީރުންނަށް ރުހުންދިނުމަށް ވޯޓަށް އަހަން އޮތް ވަގުތު ސަރުކާރު މެންބަރުން ހުރަސް އެޅުމުން، ޖަލްސާ ކުރިއަށްދާ ގޮތެއް ނުވިއެވެ. އެހެންވެ ރޭ 8 ޖަހާއިރު ޖަލްސާ އަލުން ފެށި ނަމަވެސް ކުރިއަށް ނުދިޔައެވެ.

އެންމެ ފަހުން ވަޒީރުންނަށް ރުހުންދިނުން މިއަދު 1 ޖަހާއިރަށް ތާވަލުކޮށް، ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުންމާރީގެ އަޑާ އެކު މިއަދުގެ ޖަލްސާ ފެށި ނަމަވެސް، 15 މިނެޓެއްހާ އިރު ފަހުން އަމާންކަމާ އެކު ވޯޓުލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ޖަލްސާގައި އުޝާމަށް ރުހުން ނުދޭން ނިންމި އިރު ފެންނަ ކަމަށް ލިބުނީ 24 ވޯތެވެ. ނުފެންނަ ކަމަށް 44 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އުޝާމަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްލޮޓެއްގައި ޕީއެންސީ އާ ކޯލިޝަން ހެދުމަށް ފަހު ވަޒީރުކަން ކަށަވަރު ކުރެއްވި ބޭފުޅެކެވެ. ނިމިދިޔަ ރިޔާސީ ކެމްޕެއިންގައި ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވުމުގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ރާއްޖެއާއި ޗާގޯސް އާ ދެމެދު އިތް ފުށޫ އަރާ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި އޭރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އުޝާމަށް ރުހުން ނުދިން ސީދާ ސަބަބު އެމްޑީޕީން ހާމަ ކޮށްފައި ނުވާ އިރު، އޭނާގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ވެސް މިއަދު ރުހުން ދީފައެއް ނުވެއެވެ.