ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނަސް މިއަދުން މިއަދަށް އަލުން އެބޭފުޅުން މަގާމަށް އައްޔަނު ކުރުމުގެ އިހްތިޔާރު ރައީސް އަށް ލިބިގެންވާ ކަމަށް ރައީސް އޮފީހުގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީން ބުނުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މަޖިލީސް ގެކައިރީ މުޒާހަރާ ކުރަމުންދާ އިރު އެތަނުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ސަރުކާރުން ކަންބޮޑުވުމެއް އޮތް ކަމެއް ނޫން ކަމަށާއި މިއީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ކަމެއް ކަމަށެވެ.

އަދުރޭ ފާހަގަކުރެއްވި ގޮތުގައި ރައީސަކުން ފޮނުއްވާ ފުރަތަމަ ކެބިނެޓަށް މަޖިލީހުން ރުހުން ނުދިނުމަކީ މިހާތަނަށް ރާއްޖޭގެ ޑިމޮކްރަސީގައި ކޮށްފައި ކަމެއް ނޫން ކަމަށެވެ. އަދުރޭ ވިދާޅުވީ ފެހި ގާނޫނު އަސާސީ ތަންފީޒުކުރަން ފެށިފަހުން ފުރަތަމަ ވެރިކަމަށް އައި އެމްޑީޕީގެ ކެބިނެޓަށް ވެސް އިދިކޮޅުުގެ ހައިސިއްޔަތުން ރުހުން ދިން ކަމަށެވެ.

ބަގާވާތަކުން އައި ވެރިކަމެކޭ ބުނީ ރައީސް ވަހީދުގެ ކެބިނެޓަށް ވެސް ރުހުން ދިން. ރައީސް ޔާމީނުްގެ ކެބިނެޓަށް ވެސް ރުހުން ދިން، ރައީސް އިބޫގެ ކެބިނެޓަށް ވެސް ރުހުން ދިން. އެކަމުު މިމީހުންނަށް މިއުޅެނީ ޑރ. މުުއްިޒުގެ ކެބިނެޓަށް ރުހުން ދޭން ނުކެރިގެން. އަޅުގަނޑު ގަބޫލު ކުރަނީ މިއީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ކަމެއް ކަމަށް
ޕީއެންސީގެ ޗެއާޕާސަން އަދުރޭ

އަދުރޭ އިތުރަށް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާ ސަރުކާރު ހަމަ ބާރު ސްޕީޑްގައި 'މުއިއްޒު ދުވެލީ'ގައި ކުރިއަށްދާނެ ކަމަށެވެ. އަދި ރުހުން ނުދިނަސް ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަހެއް ނެތް ކަމަށާ އެކަމަށް ބާރުދޭ ސުޕްރީމް ކޯޓުގެ ހުކުމެއް އޮންނާނެ ކަމަށެވެ.

ޕީއެންސީގެ ޗެއާޕާސަން އަދުރޭ ވިދާޅުވީ، މިއަދު ވަޒީރަކަށް ރުހުން ނުދިނަސް އެބޭފުޅަކު ހަމަ ހުރި މަގާމަށް އައްޔަނު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހުރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

މައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނުދިނުމަށް ނިންމައިފައެވެ. ޑިމޮކްރެޓުން ނިންމީ ހައިދަރާއި އުޝާމާއި ޝަހީމްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.