ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވަޒީރުންނަށް އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ރުހުން ނުދޭން ނިންމުމުން، މަޖިލީހުގެ ތަޅުމުގެ ދޮރު ތަޅުލައި، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވޯޓަށް ހުރަސްއަޅައިފިއެވެ.

ވަޒީރުންނަށް ރުހުންދިނުމަށް ފެނޭތޯ ވޯޓަށް އެހުމަށް 1:30 އަށް ވަނީ ތާވަލުކޮށްފައެވެ.

'ދަ ޕްރެސް' އާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، އާންމު މެންބަރުން ވަނުމަށް ހާއްސަކޮށްފައިވާ ދޮރުތައް ހުރީ ތަޅުލާފައި ކަމަށެވެ. އަދި ޕީއެންސީގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި ދުންމާރި ފަދަ ތަކެތި ހިފައިގެން އަޑުގަދަކުރަމުން ގެންދަވާ ކަމަށް ވެސް މެންބަރުން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަޖިލީހުގެ ރައީސް އިންނަވާ ގޮނޑިކޮޅުގައި މިވަގުތު އިށީނދެ އިންނެވީ މިފަހުން އެމްޑީޕީ ދޫކުރައްވައި ޕީއެންސީ އަށް ބަދަލުވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

މިފަހުން ޕީއެންސީ އަށް ސޮއިކުރި މެންބަރު ޝަހީމް ރިޔާސަތުގެ ގޮނޑިކޮޅުގައި / ފޮޓޯ: ސޯޝަލް މީޑިއާ

މައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނުދިނުމަށް ނިންމައިފައެވެ. ޑިމޮކްރެޓުން ނިންމީ ހައިދަރާއި އުޝާމާއި ޝަހީމްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.