ޑޮލަރުގެ ރޭޓު ހަމަޔަކަށް އަޅުވައި، ކަޅު ބާޒާރު ނައްތާލުމަށްޓަކައި މި އަހަރު މަސައްކަތް ފަށާފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ރޭ ފެށި 'އަހާ' ފޯރަމްގެ ތެރެއިން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވަނީ، ޑޮލަރު ލިބެނީ އަގުބޮޑުކޮށް ކަމާއި، ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރެއް އެބައޮތްކަން ފާހަގަކުރައްވައިފައެވެ.

"ރަސްމީ މާކެޓުގަ 15.42 އަކަށް ހުއްޓަސް، އެކްޓިވް ބްލެކް މާކެޓެއް އެބައޮތް، މި ހަގީގަތާ އެބަޖެހޭ ކުރިމަތިލާން،"

ސައީދު ވިދާޅުވީ، ޑޮލަރުގެ ރޭޓު ތިރިކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި، މިހާރު އެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. ފޯރަމަށް ވަގުތު ދީފައިވާ ގޮތުން މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެންނެވި ނަމަވެސް، އޭނާ ވަނީ މި އަހަރުގެ ތެރޭ ޑޮލަރުގެ ރޭޓު ހަމައަކަށް އެޅުވޭނެ ކަމަށް ވިދާޅުވެފައެވެ.

ޑޮލަރުގެ ރޭޓު ހަމަޔަކަށް އެޅުވުމުގެ ވާހަކައިގެ އިތުރުން ސައީދު ވަނީ، މިދިޔަ އަހަރުގެ ބަޖެޓަށް އިތުރުކުރި ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭހެން ސަރުކާރުން އެކި ވިޔަފާރިތަކަށް ދޭން ޖެހޭ ހަތް ބިލިއަން ރުފިޔާ އެބަހުރި ކަމާއި، ނަމަވެސް އެ ފައިސާ ވިޔަފާރިތަކަށް ދައްކާފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު އެ އަދަދު ދެބައިކުރެވިއްޖެ ކަމަށް އޭނާ ރޭ ވިދާޅުވިއެވެ.

ހަމަ އެހެންމެ ދައުލަތުގެ ދަރަނީގެ ގޮތުގައި 122 ބިލިއަން ރުފިޔާ އެބައޮތް ކަމަށާއި، ފިސްކަލް ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.