ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރަން ހިޔާލުވެސް ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިއުޓީ ފްރީ އިކޮނޮމިކް ޒޯނެއް ގާއިމްކޮށްފިނަމަ، މިއީ މިހާތަނަށް ދެ ގައުމަކުން ހަދާ އެންމެ ތާރީހީ އިގްތިސާދީ އެއްބަސްވުމަށް ވެގެން ދާނެއެވެ.

އެހެންނަމަވެސް ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ. ސައީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.