ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ މަރުވި މައްސަލައިގައި ހަ އިދާރާއެއްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިދިޔަ ބުދަ ދުވަހު ގއ. ވިލިނގިލިން ހާލު ސީރިއަސް ވި ކުއްޖާ ކުއްލި ހާލަތުގައި މާލެ ގެނެވުނީ ބުރާސްފަތި ދުވަހުއެވެ. އެކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވީ އެ ދުވަހުގެ 11:00 ގައެވެ. މިކަމާ ގުޅީގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ސަރުާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ބައެއް ތުހުމަތު ކުރެއެވެ.

އެ މައްސަލައިގެ އިންކުއަރީއެއް ހަދަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައިވާއިރު، މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވަނީ އާސަންދަ އާއި އެންސްޕާ އާއި ވިލިނގިލީ ހޮސްޕިޓަލާއި ހެލްތް މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އެވެ. މި އިދާރާތައް ހާޒިރު ކުރަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.

ކޮމިޓީގެ އިންކުއަރީގައި މި މައްސަލައިގައި މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވިއިރު، އިމަޖެންސީގައި އިންޑިއާގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބެއް ސާފުކުރަން ވަނީ ނިންމައިފައެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އާނމްު ރައްޔިތުންގެ ޝަކުވާތަކުގެ ތެރޭގައި ކުއްލި ހާލަތުގައި އިންޑިއާއިން ދީފައިވާ މަތިންދާ ބޯޓު ބޭނުން ނުކުރުން ކުށްވެރިކޮށްފައި ވެއެވެ. އަދި އެކަމަކީ އިހުމާލެއްގެ ގޮތުގައި ސިފަ ކޮށްފައިވާ އިރު މިކަމަށް ސަރުކާރުން ވަނީ ޖަވާބު ދާރީ ވާން މަސައްކަތް ވެސް ކޮށްފައެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މީގެ ތިން އަހަރުކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ. އަދި މޯލްޑިވިއަންގެ ފްލައިޓަކުން އެ ކުއްޖާ ގެނައުން ހަމަނުޖެއްސުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އެމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި ހޮސްޕިޓަލަކުން އެމަޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އެމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.