ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ.ގެ އަތޮޅުތަކުން ހައްޔަރުކުރި އެންމެންވެސް ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އަންގައިފިއެވެ.

މިދިޔަ ޖެނުއަރީގައި މާލެ އާއި ގއ.ގެ އަތޮޅުތަކުގައި ހިންގި އެ ހަރަކާތުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެމީހުންނަކީ:

  1. އަހްމަދު މަދީހު، 33، މިޔުޒިކީއާގެ
  2. ޝައްފާހް ލަތީފް، 28، ޝެވޯނާ
  3. އަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން
  4. ނޫރުއްނިޒާމް، 35، އަރާއިރުގެ

އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީލޯންޑަރިންގެ ކުށެވެ.

ނަމަވެސް އެ މައްސަލައިގަ ދައުވާކުރާ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު، އެ މައްސަލައިގައި ލިބިފައިވާ ހެކިތައް ދިރާސާކުރިއިރު ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އަންގާފައެވެ.

ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ނުކުރި ނަމަވެސް މި މައްސަލައިގައި ހައްޔަރު ކުރި މަދީހުއާ އަނާމް އަދި ޝައްފާހުގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށް ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ނަމަވެސް ނޫރުއްނިޒާމްގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފައެވެ.

އެ މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކުރި އެވެ. އަދި އެ ޑްރަގް ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުގައި 300 މިލިއަން ރުފިޔާ ދައުރުވި ކަމަށް ވެއެވެ. އަދި އެ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުންކަމަށް ތުހުމަތުވާ މީހުން ކަމަށާއި އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ މަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ބޮޑުން ކަމަށް ތުހުމަތުކޮށް ހަ މީހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށްވެސް އެއްވެސް ދައުވާއެއް ނުކުރެވި ވަނީ ދޫކޮށްލާފަ އެވެ.