ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށް އަނެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެތެންސް / ގއ. ވިލިނގިލި، މުހައްމަދު އަތޫފް ހަބީބް (25އ) އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުހައްމަދު ރާއިފް ހުސައިން (20އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި ރާއިފް 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިއަދު ބުނީ، އަތޫފްގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަލާގައި ބަންދުގައި ހުރި، ރާއިފް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެއެވެ.

މި އޮޕަރޭޝަނުގައި 4 ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނެއެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 17/2011 އަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019 ގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.