އައްޑޫ ސިޓީގެ އަވަށްތަކުގައި އިޝްތިހާރު ކުރުމަށް އުސޫލެއް ކަނޑައަޅައި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރާނަމަ ފީއެއް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

"އެކި ހަރަކާތްތަކާއި ގުޅިގެން ރަށުތެރޭ އިޝްތިހާރުތަކާއިބެހޭ އުސޫލު" ނަމުގައި އައްޑޫސިޓީ ކައުންސިލުން ފާސްކުރި އުސޫލުގައިވާ ގޮތުން އިންތިހާބުތަކާއި އެހެނިހެން އިޖްތިމާއީ ހަރަަކާތްތަކާއި ގުޅިގެން، އައްޑޫގެ އެކި އަވަށްތަކުގެ އާންމު މައިދާންތަކާ މަގުމަތީގައި ހަރުކުރެވޭ ބެނާ، ޕޯސްޓަރު، ބިލްބޯޑު އަދި ދިދަފަތި އަދި ލީފްލެޓް/ސްޓިކާ ފަދަ ތަކެތި ބޭނުންކޮށްގެން އިޝްތިހާރު ކުރުމުގައި އަމަލު ކުރަންވާނެ ގޮތް ވަނީ ކަނޑައަޅާ ބަޔާންކޮށްފައެވެ.

މި އުސޫލުގެ ދަށުން ފީ ނެގުމަށް ހަމަޖެހިފައިވަނީ:

- އާންމު ފަރުދަކަށް – 1500 ރުފިޔާ

- ރެޖިސްޓަރ ކުރެވިފައިވާ ޖަމީއްޔާ އެއް ނުވަތަ ވިޔަފާރިއަކުން ވަކި އަވަށެއްގައި އިޝްތިހާރު ކުރާނަމަ – 5000 ރުފިޔާ

- .މުޅި ސިޓީއަށް އަމާޒުކޮށްގެން ވަކި ފަރުދެއް، ޖަމިއްޔާއެއް އަދި ވިޔަފާރިއަކުން އިޝްތިހާރު ކުރާނަމަ - 10،000 ރުފިޔާއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި އުސޫލުގެ ދަށުން އިޝްތިހާރު ކުރާ މުއްދަތު ހަމަވުމުން އެ ތަކެތި ނަގާ ސާފު ކުރުމަކީ ހުއްދަ ހޯދާ ފަރާތުގެ ޒިންމާއެއް ކަމަށާ މި އުސޫލާ ހިލާފުވާނަމަ ޖޫރިމަނާ ކުރެވޭނެކަމަށެވެ. މި ގޮތުން އާންމު ފަރުދެއްނަމަ 500 ރުފިޔާ އާއި 2000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއެއް ނަމަ 2000 ރުފިޔާ އާއި 10،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ ހުއްދަނެތި އާންމު އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ހަރުކުރުން މަނާކޮށްފައިވާއިރު މަގުމަތީ ނިޝާންތަކާ، ލައިޓް ޕޯސްޓުތައް، އަދި ސަރުކާރު އިމާރާތްތަކާ، މިސްކިތްތަކުގެ ބޭރުގައި އިޝްތިހާރު ކުރުން ވަނީ މަނާކޮށްފައެވެ.