ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އެ އިސްލާހު ހުށަހަޅާފައިވަނީ އެކަމާ ގޫޅޭ ގޮތުން އެމްޑީޕީ ޕީޖީއާއެކު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އިސްލާހު ހުށަހަޅާފައި މިވަނީ މިއަންނަ ރޯދަ މަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވަނިކޮށެވެ. އެގޮތުން މާޗް މަހުގެ 17 ވަނަ ދުވަހު އެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު އެއީ ރޯދަ މަހުގެ 6 ވަނަ ދުވަހެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ރޯދަ މަހު އެ އިންތިހާބު ނުބޭއްވޭނެ ހަމަ އެކަނި ގޮތަކަށް އޮތް ގާނޫނުގައި ބުނާ ތާރީހުތައް ބަދަލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މީގެ ކުރިން ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނާއެކު މަޝްވަރާކުރައްވާފައެވެ.

އެހެންންނަމަވެސް އެ ތާރީހުތަކަށް ބަދަލު ގެންނަން އޭރު އެއްވެސް މެންބަރަކު ބޭނުމެއް ނުވިއެވެ.