ރާއްޖޭގެ ގައުމީ ދިފާއީ ބާރާ ގުޅުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް އެ މުއައްސަސާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އުމުރުފުރާ ބަލާނީ މި އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އެމްއެންޑީއެފަށް ވަނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ.

ޝަރުތުތަކުގެ ތެރޭގައި:

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރިމީހަކު ކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެރެކޯޑެއް އޮތްމީހަކުކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން

ވަޒީފާއަށް ހޮވޭ ފަރާތްތަކަށް އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމާ ހަމައަށް މުސާރައާއި އެލަވެންސްގެ ގޮތުގައި -/12،400 ރުފިޔާ ލިބެއެވެ.

އަދި، އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމުން މުސާރައާއި އެލަވަންސްގެ ގޮތުގައި -/15،500 ރުފިޔާ އާއި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުން ހަމަޖެހިފައިވާ އިތުރު އެލަވަންސްތައް ލިބޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒު ނުވަތަ ދިފާއީ ވުޒާރާގެ [email protected] އީމެއިލަށެވެ.