ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 746 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އީސީ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 746 ޝަކުވާ ވަނީ ހުށަހަޅާފައެވެ. އެގޮތުން އެންމެ ގިނައިން ޝަކުވާ ހުށައަޅާފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނިވެސް 330 ޝަކުވާ ހުށަހަޅާފައިވެއެވެ. އީސީ އަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން:

- އެޑްރެސް ބަދަލުވެގެން 450 ޝަކުވާ

- މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 225 ޝަކުވާ

- ވޯޓުލާ ދާއިރާ ބަދަލުވެގެން 40 ޝަކުވާ

- ވޯޓާސް ލިސްޓުގައި ނަން ނެތިގެން 5 ޝަކުވާ

- އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން 1 ޝަކުވާ ހުށައަޅާފައިވެއެވެ.

މިއަހަރު ބާއްވާ މަޖިލީސް އިންތިހާބުގައި އީސީ އިން އާންމުކުރި ފުރަތަމަ ވޯޓާސް ލިސްޓުގައި ވޯޓުލުމުގެ ހައްގު 284،327 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. އެހެންނަމަވެސް ވޯޓާސް ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން މި އަދަދު ބަދަލުވެގެން ދާނެއެވެ.

އެގޮތުން މި ޝަކުވާތައް ބެލުމަށްފަހު، ވޯޓާސް ލިސްޓަށް ގެންނަ ބަދަލުތަކާއެކު މިމަހުގެ 30 ވަނަ ދުވަހު އަނެއްކާވެސް ލިސްޓު އާންމުކުރާނެއެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް ޝަކުވާއަށް ހުޅުވާލާއިރު މި ޝަކުވާތަކަށް ބެލުމަށްފަހު ވޯޓާސް ލިސްޓު ފައިނަލް ކުރާނެއެވެ.