ލޮލަށް ފެނުމުން މަހްރޫމު ވެފައިވާ ފަރާތްތަކުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުންވާނަމަ އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު އީސީން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުން މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 22:00ގެ ކުރިން 1414 އަށް ގުޅާ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިފައެވެ.

1414 ގެ ހިދުމަތްދޭ ގަޑިތަކަކީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 ގެ ނިޔަލަށެވެ.

އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ލޯފަން މީހުންނަށް ވޯޓު ލެވޭނެ ގޮތް ހެދުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފައި ވަނީ ހުސްވި އަހަރުގެ ޖޫން މަހުއެވެ. އެ އިސްލާހުގެ ސަބަބުން، ލޯފަން މީހުން ވޯޓުލާއިރު، އެ ކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމެއް ހަމަޖެއްސިފައި އޮންނަން ވާނެއެވެ. އޭގެ އިތުރުން ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓް ހުންނަން ޖެހޭނެ ގޮތާއި، އެ ބޭނުންކޮށްގެން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ގޮތް ވެސް އިސްލާހުގައިވެއެވެ.

ހަމަ އެއާއެކު ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓު ހުންނަން ވާނީ އޭގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން، އެ ނުގުޑާނެ ފަދަ ގޮތަކަށް ކޮންމެ ކެންޑިޑޭޓެއްގެ ނަންބަރު އެނގޭނެ ފަދަ ގޮތަކަށް ޓެކްޓައިލްކޮށްފައި ކަމަށާއި، ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ޓެމްޕްލޭޓުގައި ކެނޑުމެއް ހުންނަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެއީ ރަމަޟާން މަސް ތެރެއެވެ. އަދި އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.