އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ ފެއާތައް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މި މައްސަލައާ ބެހޭ ގޮތުން އާދިއްތަ ދުވަހު އޮތް ކެބިނެޓް ޖަލްސާގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ދަތުރުފަތުރުގެ ދާއިރާއިން، އައިއޭއެސް އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖައާކޮށް އެ ފެއާތައް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެއެވެ.
ނަމަވެސް ފެއާގެ އަގުތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ. އަދި މި ބަދަލުތައް ގެންނާނެ ވަކި ތާރީހެއްވެސް އާންމުކޮށްފައި ނުވެއެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ 18 އެއާޕޯޓަކަށް ދަތުރު ކުރާއިރު، ސީޕްލޭންގެ ހިދުމަތް ބައެއް ރަށްރަށާއި، ރިސޯޓްތަކަށްވެސް ދެމުން ދެއެވެ. މީގެ އިތުރުން ވެސް މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 27 ބޯޓު އޮންނައިރު، އޭގެ ތެރޭގައި އެއަރބަސް އޭ330 އަދި އޭ320 ގެ އިތުރުން އޭޓީއާރާއި، ޑޭޝް-8 އަދި ޓްވިންއޮޓާ ބޯޓުތައް ހިމެނެއެވެ.
