އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން "އެއާ ސުވިދާ 2.0" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް 'ސެލްފް ޑެކްލަރޭޝަން ފޯމު' ފުރުމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ މި ފޯމު ފުރިހަމަކުރަން އެންމެ ރަނގަޅީ ފްލައިޓަށް އެރުމުގެ ކުރިން ނުވަތަ އިންޑިއާއަށް ދިއުމުގެ 24 ގަޑިއިރު ކުރިން ކަމަށެވެ.

އޮންލައިންކޮށް ފޯމުފުރުމަށްފަހު އިންޑިއާގެ އެއާޕޯޓުގެ "ޓްރެވެލް ހެލްތް ޑެސްކް" ނުވަތަ އިމިގްރޭޝަން ކައުންޓަރަށް ޑިޖިޓަލް ކޮޕީ ހުށަހަޅަންޖެހޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން ބުނީ ޕޯޓަލް މެދުވެރިކޮށް އެ ފޯމު ފުރިހަމަ ކުރެވޭނެކަމަށެވެ.

ސިއްހީ އިދާރާތަކުން ބަޔާންކުރާ ގޮތުގައި މި ފޯމު އަލުން ތައާރަފުކޮށްފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ އެބޯލާ ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށާއި، ބައިނަލްއަގުވާމީ ދަތުރުވެރިންގެ ސިއްހީ ހާލަތު ބެލެހެއްޓުމުގެ މަގުސަދުގައެވެ.

މި ފޯމަކީ އިންޑިއާއަށް އެތެރެވުމަށް ބޭނުންވާ ވިސާގެ އިތުރުން ފުރަންޖެހޭ ވަކި ސިއްހީ ފޯމެކެވެ.

ދަތުރުމަތީގައި ދިމާވެދާނެ ލަސްތަކުން ރައްކާތެރިވުމަށް ޓަކައި، މި ފޯމު ބަޔާންކުރެވިފައިވާ ވަގުތުގެ ކުރިން ފުރުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.