ރާއްޖޭގެ އެކި ކަނކޮޅުތަކުގައި ހުންނަ ހޮސްޕިޓަލްތަކުން އެދިގެން އެމްޖެންސީ ހާލަތްތަކުގައި ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލަން ޖެހޭ ހާލަތްތަކުގައި އެ ބަލި މީހާ އުފުލަން އިސް ކަން ދިނުމަށް މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް، އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް މިއަދު ނިޔާވުމާ ގުޅީގެން އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އެމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި ހޮސްޕިޓަލަކުން އެމަޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އެމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ކަމަކީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުން ކަމަށް އެ ހިދުމަތް އަންނަ މާޗް މަހުގެ އެއްވަން ދުވަހު ފެށިގެން ދާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ، ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާ އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހޮޑުލުމާ ގުޅިގެންނެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވުމާ ގުޅިގެން އަނެއްކާވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓުމުގެ ސަބަބުން ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިތުރު ފަރުވާ އަށް އެ ކުއްޖާ މާލެ ފޮނުވުން ވެންޓިލޭޓަރަށް ލަސްވުމުން އެ ރަށުގައި އިހްތިޖާޖު ވެސް ކޮށްފައިވެއެވެ.

މި ހާދިސާގައި އެ ކުއްޖާ މާލެއަށް ނުގެނެވި ލަސްވި ސަބަބާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅު ކުރާ އިރު، ޑޯނިއާ މަތިންދާ ބޮޓު ބޭނުން ނުކުރީ ކީއްވެތޯއާއި މޯލްޑިވއިަންގެ ފްލައިޓެއް ހަމަނުޖެއްސުނީ ކީއްވެތޯ އާހާފައި ވެއެވެ. އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މީގެ ތިން އަހަރުކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ.