އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް ވެހިކަލަށް ވުރެ ގިނައިން ނުވަތަ ދެ ބާވަތަކުން އިންޖީނުލީ ދެ އުޅަނދަށް ވުރެ އިތުރަށް ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ، މަލްޓިޕްލް އޯނާޝިޕް ފީގެ ނަމުގައި އިތުރު ފީއެއް ނަގަން އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ތައާރަފުކޮށްފިއެވެ.

އިއްޔެ ތަސްދީގުކޮށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 99 ވަނަ މާއްދާގައިވާ ގޮތުން، އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އުޅަނދުގެ އަދަދު ދެއަކަށް ވުރެ އިތުރުވާ ނަމަ ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށް ވުރެ އިތުރުވާ ނަމަ އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފީއެއް ނަގާނެއެވެ. މި ފީ ކަނޑައަޅާނީ އިންޖީނުގެ ކެޕޭސިޓީއަށް ބަލައިގެންނެވެ.

މި ގާނޫނަކީ 2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނު އުވާލުމަށްފަހު، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރުމަށްފަހު، މި ބިލު ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓާއެކުގައެވެ.

ފީ ނަގަން ފަށާނީ ހަ މަސް ފަހުން، ސައިކަލްތަކުގެ ފީތައް

ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އަމަލުކުރަން ފަށާ މި ފީ ކަނޑައަޅާފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. އެއީ ސައިކަލާއި އިންޖީނުލީ ބައިސިކަލް ކެޓަގަރީގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަނދުތަކާއި މުދާ އުފުލާ އުޅަނދުތަކުގެ ކެޓަގަރީއެވެ.

ސައިކަލާއި އިންޖީނުލީ ބައިސިކަލް ކެޓަގަރީގައި ފީ ނަގާނީ އިންޖީނުގެ ކެޕޭސިޓީއަށް ބިނާކޮށެވެ. އެގޮތުން 50 ސީސީއަށް ވުރެ ކުޑަ އުޅަނދުތަކަށް އަހަރަކު 360 ރުފިޔާ ނަގާއިރު، 50 ސީސީ އާއި 100 ސީސީއާ ދެމެދުގެ އުޅަނދުތަކަށް ނަގާނީ އަހަރަކު 720 ރުފިޔާއެވެ. އަދި 100 ސީސީ އާއި 150 ސީސީއާ ދެމެދުގެ އުޅަނދުތަކަށް އަހަރަކު 1،296 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން، 150 ސީސީ އާއި 200 ސީސީއާ ދެމެދުގެ އުޅަނދުތަކަށް އަހަރަކު 2،304 ރުފިޔާ ކަނޑައަޅާފައިވާއިރު، 200 ސީސީ އާއި 400 ސީސީއާ ދެމެދުގެ އުޅަނދުތަކަށް އަހަރަކު 12،960 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި 400 ސީސީއަށް ވުރެ މަތީގެ އުޅަނދުތަކަށް އަހަރަކު 17،280 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ފީތަކުގެ އިތުރުން، ބައެއް ކެޓަގަރީތަކުގެ އުޅަނދުތަކުގެ އަހަރީ ފީ ވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން 200 ސީސީ އާއި 400 ސީސީއާ ދެމެދުގެ ސައިކަލްތަކުގެ އަހަރީ ފީ 3،240 ރުފިޔާއިން 6،480 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، 400 ސީސީއަށް ވުރެ މަތީގެ ސައިކަލްތަކުގެ އަހަރީ ފީ ވަނީ 4،320 ރުފިޔާއިން 8،640 ރުފިޔާއަށް އިތުރުކޮށްފައެވެ.

ކާރާއި މުދާ އުފުލާ އުޅަނދުތަކުގެ ފީ އަދި ނަންބަރު ބޯޑު

ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން ކާރާއި ވޭން އަދި ޖީޕް ފަދަ އުޅަނދުތަކުން މަލްޓިޕްލް އޯނާޝިޕް ފީ ނަގާނީ ވެސް އިންޖީނުގެ ކެޕޭސިޓީއަށް ބަލައިގެންނެވެ. މި ކެޓަގަރީގެ އުޅަނދުތަކަށް އަހަރަކު 4،320 ރުފިޔާ އާއި 22،480 ރުފިޔާއާ ދެމެދުގެ ފީއެއް ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން، 2،000 ސީސީއަށް ވުރެ މަތީގެ ކާރާއި ވޭން އަދި ޖީޕްތަކުގެ އާންމު އަހަރީ ފީ ވަނީ 5،670 ރުފިޔާއިން 11،340 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މުދާ އުފުލާ އުޅަނދުތަކުން ފީ ނަގާނީ އެ އުޅަނދަކަށް އުފުލޭ ބަރުދަނަށް ބަލައިގެންނެވެ. ލޮރީ އާއި ޕިކަޕް ފަދަ އުޅަނދުތަކަށް އަހަރަކު 3،600 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

މި ގާނޫނުގެ ދަށުން، އަމިއްލަ ނަން ކިޔާ ގޮތަށް ނުވަތަ ހާއްސަ ނަންބަރު ބޯޑު (ޕާސަނަލައިޒްޑް ނަންބަރު ޕްލޭޓް) ވިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މިފަދަ ނަންބަރު ބޯޑެއް ދޫކުރާނީ 350،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. އަދި އެހެނިހެން އުޅަނދުތަކަށް މިފަދަ ނަންބަރު ބޯޑެއް ދޫކުރާނީ 200،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

ފީ ނެގުމުގެ މަގުސަދާއި އާންމުންނަށް ކުރާނެ އަސަރު

މި ފީ ނަގަން ފެށުމުން، ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް އުޅަނދުތައް ރަޖިސްޓަރީކުރުމުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ފީ ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ އެއް ފަރާތެއްގެ ނަމުގައި ގިނަ އަދަދެއްގެ އުޅަނދުތައް ރަޖިސްޓަރީކުރުން މަދުކުރުމާއި، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމެވެ.

މި ގާނޫނުގެ ދަށުން، ކުއްޔަށް ދިނުމަށާއި އެހެނިހެން ވިޔަފާރި ބޭނުންތަކަށް ގިނަ އަދަދެއްގެ ސައިކަލާއި ކާރު ގެންގުޅޭ ފަރާތްތަކުން އަހަރީ ގޮތެއްގައި ދައްކަންޖެހޭ ފީ އިތުރުވާނެއެވެ. ގާނޫނުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ރާވައި ހިންގުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ހާއްސަ އޮފީހެއް ގާއިމުކުރަން ޖެހެއެވެ. އަދި މި ދާއިރާގެ ކަންކަމަށް ހަރަދުކުރުމަށް "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު" ގެ ނަމުގައި ފަންޑެއް އުފެއްދުމަށް ވެސް ވަނީ ލާޒިމުކޮށްފައެވެ. ކުރިން މާލެ ސިޓީ ކައުންސިލަށް ލިބެމުންދިޔަ އުޅަނދުތަކުގެ ފީތައް، މި ގާނޫނާއެކު ދެން ޖަމާކުރާނީ ދައުލަތުގެ ބަޖެޓަށެވެ.

މާލޭގެ ޓްރެފިކް މައްސަލައާއި ގާނޫނީ ބަދަލުތައް

މި ބިލު ފާސްކޮށްފައިވަނީ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވި ގޮތުގައި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި 69،780 އުޅަނދު ރަޖިސްޓަރީކޮށްފައިވާއިރު، އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކޮށްފައިވަނީ މާލެ ސަރަހައްދުގައެވެ. ރާއްޖެއަށް އަހަރަކު 10،000 އަށް ވުރެ ގިނަ އުޅަނދު އެތެރެކުރާއިރު، އޭގެ 90 އިންސައްތައަކީ ސައިކަލެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، އާ ގާނޫނުގެ ދަށުން 20 އަހަރަށް ވުރެ ގިނަ ދުވަސްވީ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އުޅަނދުތައް އިންޝުއަރެންސް ކުރުން ލާޒިމުކޮށް، އިންޝުއަރެންސް ނުކޮށް ދުއްވުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، ގަވާއިދާ ހިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މި ބަދަލުތަކާއެކު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބިދޭސީންގެ ނަމުގައި އާ އުޅަނދުތައް ރަޖިސްޓަރީކުރުން ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.