މާފަންނު ގެއެއްގައި މިއަދު މެނދުރު ފަހު ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ނިއްވާލައިފިއެވެ.

އެމްއެންޑިއެފުން ބުނީ، މ. ޕަރުވާނާ ގެއިން ދުން އަރާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު ފަހު 2:14 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުު ސާވިސްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

އެ ގޮތުން ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައި ހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރި ކަމަށާއި، އެފްއާރުއެސްގެ ފަޔާ ފައިޓަރުން ވަނީ މިއަދު 2:30 ހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައި ހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.