މަސްވެރިންނަށް ހާއްސަކޮށްގެން ހިންގާ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

މިއަދު ގދ. މަޑެވެލީގައި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިިޔާމްއެވެ.

މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީނުކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މަޑަވެލީ 8 ދޯންޏަކުން، ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވާއިރު މިއީ 2 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14އިގެ މަގުޗާޓުގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ލ އަތޮޅު، ގއ. އަތޮޅު އަދި އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ތަމްރީން ފެށުމަށްޓަކައި މިނިސްޓްރީން އަންނަނީ ކައުންސިލްތައް މެދުވެރިކޮށް މަސްވެރިންގެ ތެރެއިން ޑައިވް ކުރާ ފަޅުވެރިންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.