ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ދެމަފިރިންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެން މީހާއާއި އުމުރުން 20 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން މި ދެ މީހުން ރާއްޖެ އައިއިރު ގެނައި ފޮށިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ހަ ޕެކެއްޓެއް ފެނިފައިވެއެވެ. މިތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ރެސިމޭޓަށް ޕޮޒިޓިވްވެފައިވާއިރު މިތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި ފިރިހެންމީހާގެ ކުޑަކަމުދާ ތަކެތި ވަނީ ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ފައްސިވެފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި އަންހެންމީހާގެ އަތް ދަބަހުން 1،751 ޑޮލަރު ފެނިފައިވެއެވެ.

މި މައްސަލައިގައި މިދަމަފިރިން ވެސް ބުނެފައިވަނީ މަސްތުވާތަކެތި ހުރި ލަގެޖަކީ އެ މީހުންނާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫންކަމަށާ އެހެންނަމަވެސް އޭގައި ހުރި އަންނައުނަކީ އެމީހުންގެ އެއްޗެހި ކަމަށެވެ. އަދި އެ ލަގެޖަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށާ އޭގައި މަސްތުވާތަކެތި ހުރިކަން ނޭގޭ ކަމަށް ދެމީހުންވެސް ވަނީ ބުނެފައެވެ.