އިންޑިއާގެ ސިފައިން ދިވެހިރާއްޖެއިން ބޭލުމުގެ ވހަކައިގެ އިތުރުން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާންޔަމް ޖަޔަޝަންކަރު މަޝްވަރާ ކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ބައްދަލު ކުރެއްވީ މިވަގުތު ޔުގެންޑާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ފޯރަމުގެ ހަވާސާގައެވެ.
ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލަކުރައްވައި އިންޑިޔާގެ އަސްކަރީ ސިފައިން އަނބުރާ ގެންދިއުމާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަތީ ފަންތީގެ މަޝްވަރާތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށެވެ.
އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަށް އަވަސް މުއްދަތެއްގައި ނިންމުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. ނަމަވެސް އެ ތާރީހްގެ ނިޔަލަށް އެކަން ކުރެވިދާނެ ކަމުގެ ގެރެންޓީއެއް ނުދެވޭނެ ކަމަށް ޖައިޝަންކަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޖައިޝަންކަރު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ ސަރުކާރުން އެދޭ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުންނާއި ދިވެހި ސަރުކާރުގެ އިސްވެރިންގެ 2 ވަނަ ބައްދަލުވުމެއް ދެ ގައުމުން އެއްބަސްވާ، ތާރީހެއްގައި ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް މިފަހުން އަސަރު ކުރި އެއް ކަމަކީ އިންޑިއާގެ ކޮންޓްރޯލް އޮންނަ ލަކްޝަދީޕާއި ރާއްޖެ އަޅާ ކިޔާ ސޯޝަލް މީޑިއާގައި ދެގައުމުގެ އެކްޓިވިސްޓުން ފެށި ޒުވާބާއި ރައްދު ދިނުމުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ރާއްޖޭގެ ސަރުކާރުގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރުންގެ 3 ބޭފުޅަކު ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ. ނަމަވެސް އޭގެ ބޭރުން އިންޑިއާއިން ރާއްޖެއަށް ބްލީ ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުސީދާކޮށް ވިދާޅުވުމުން މަޝްރަހު އިތުރަށް ވަނީ ނުތަނަވަސްވެފައެވެ.
ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، "ރާއްޖެ ކިތަންމެ ކުޑަޔަށް ބްލީ ކުރުމުގެ ލައިސަންސް ކަލޭމެނަށް [އިންޑިއާ] އަށް ވިޔަސް ނޯންނާނެ" ކަމަށެވެ.