އެންމެ ދެކެން ބޭނުންވަނީ ޖަލުތަކުގައި އެއްވެސް ގައިދީ އެއް ނެތް ދުވަހެއް ކަމަށާއި، އުންމީދަކީ ކުށް މަދުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެން ދިއުން ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީއެސްއެމުން ގެނެސްދިން 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ޖަލުތަކުގައި ގައިދީން ނެތް ދުވަހެއް ދެކުމަށްޓަކައި ކުށް މަދުކުރުމުގެ މަސައްކަތާއި އެކަމަށްޓަކައި ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ނަމަވެސް ފަސް އަހަރު ދުވަހުން އެކަން އެއްކޮށް ހާސިލްކުރުމަށްޓަކައި ދަތިތަކެއް އެބަހުރި ކަމަށެވެ.
އިހުސާން ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ޖަލުތަކުގައި ތިބި ގައިދީން މަދުކުރުމަށް މަސައްކަތްތައް ބައްޓަންކުރުމަށް ކަމަށާއި، އެކަން ކުރުމަށްޓަކައި ފުލުހުންނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުށް މަދުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ ވަރުގަދަކުރައްވާނެ ކަމަށެވެ. މިކަން ކުރުމަށްޓަކައި ޖަލަށް ލެވޭ މީހުންނަށް އެކި ގޮތްގޮތަށް ފަރުވާ ދޭން ރާވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ދައުލަތުގެ މުއައްސަސާތަކަށް ޔުނިފޯމް ފެހުމުގެ މަސައްކަތް ގައިދީން ލައްވާ ކުރުވުން
- ގައިދީން ލައްވައި ޖަލުތަކުގެ ކެއުމާއި ބުއިމުގެ ކަންކަން ހަމަޖެއްސުން
- ޖަލުގެ މަރާމާތާއި ކޮންސްޓްރަކްޝަން މަސައްކަތް ގައިދީން ލައްވާ ކުރުވުން
"ބައެއް ގައިދީންނަކީ ހަމަ ތައުލީމު ވެސް ހާސިލްކޮށްފައި ތިބި ގައިދީން، އެހެންވީމާ އެ ބޭފުޅުން ބޭނުންކޮށްގެން އަޅުގަނޑުމެން މެނޭޖު ވެސް ކުރުވާނަން،" އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަދަ މަސައްކަތްތައް ކުރުމަށް ގައިދީން ތަމްރީނުކުރެވިދާނެ ކަމަށާއި، އޭރުން ޖަލުން ދޫކޮށްލުމުން އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ގައިދީންނަށް ލިބިގެން ދާނެ ކަމަށެވެ. އިހުސާން ގަބޫލުކުރައްވާ ގޮތުގައި މިގޮތަށް ގައިދީންނަށް ފަރުވާދިނުމުގެ ސިޔާސަތު ބައްޓަންކުރުމުން، ގައިދީން ޖަލުން ނުކުންނަ ދުވަހު މުުޖުތަމައާއި އާއިލާތަކުން ގައިދީން ބަލައިގަންނާނެއެވެ.
އަދި މިފަދަ މަސައްކަތްތައް ގައިދީން ލައްވާ ކުރުވާނީ މުސާރައެއް ވެސް ލިބޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.