ކ. ކާށިދޫގައި ދެނެގަނެވިފައި ނުވާ ނާރުގެ ބައްޔެއް ފެތުރެމުންދާ އަޑުތައް މިއަދު ގަދަވެފައި ވާއިރު އެއީ މިއަދަކު އިއްޔެއަކު ފެތުރެމުންދާ ބައްޔެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން، ގާތްގަނޑަކަށް 50 އަހަރު ކުރިންވެސް މި ބަލި ކޮންމެވެސް ވަރަކަށް އެ ރަށުގައި ފެތުރުނު ކަމަށް އެ ރަށުގެ އުމުރުން ދުވަސްވީ މީހުން ބުނެއެވެ.

އެ މައްސަލާގައި މީގެ ކުރިންވެސް ހެލްތް މިނިސްޓްރީގެ ޓީމަކުން ދެ ފަހަރެއްގެ މަތިން ކާށިދުއަށް ގޮސް ދިރާސާތަކެއް ފެށި ނަމަވެސް އެކަމުގައި ކުރިމަގެއް ފެނިފައެއް ނުވެއެވެ.

އަނެއްކާވެސް އެ މައްސަލާގައި ދިރާސާއެއް ފެށުމަށް ހެލްތް މިނިސްޓްރީ އިން ވަނީ އާސަންދަ، އެންސްޕާ، އައިޖީއެމްއެޗު އަދި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ދިރާސާއެއްކުރަން މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

ގޮތް ނޭނގޭ މި ބަލީގައި މި ވަނީ ކިހިނެއް؟

ކާށިދޫގެ މީހުން ބުނާ ގޮތުގައި އަހަރުތަކެއްގެ ކުރިން އެ ރަށުން ފެންނަން ފެށި މި ބައްޔަކީ އާއިލާއަކުން، ދަރިފަސްކޮޅުން ވާރުތަ ވަމުން އައި ބައްޔެކެވެ. އެ ބަލި ޖެހިފައިވާކަން ދެނެގަންނަން ދުވަސްތަކެއް ހޭދަވާއިރު އެ ބައްޔަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް މިހާތަނަށް ދިޔަ އެ ރަށުގެ އެއްވެސް މީހަކު ރަނގަޅު ވެފައި ނުވާ ކަމަށް "ދަ ޕްރެސް" އާ ވާހަކަ ދެއްކި އެ ރަށުގެ މީހަކު ވަނީ ބުނެފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ މައުލޫމާތު އެނގޭ ކާށިދޫ މީހަކު ބުނީ މީގެ ކުރިން ގިނައިން އެ ބަލި ދެނެގަނެވެނީ މީހުންނާ އިނދެ، ދަރިން ލިބޭ ފަހުން ކަމަށާއި އެހެންނަމަވެސް މިހާރަކަށް އައިސް އެއަށްވުރެ ޅަ އުމުރުގެ، ސްކޫލް ކުދިންގެ ފަރާތުންވެސް އެ ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެ ބައްޔަަށް ފަރުވާކުރަން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށްވެސް ގޮސްފައި ވީނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ބަލީގައި ތުރުތުރެއް އަޅާކަން ފާހަގަ ކުރަމުން އޭނާ ބުނީ ފުރަތަމަ ވާހަކަ ދެއްކުމަށް ބަދަލުތަކެއް އަންނަން ފަށާ ކަމަށާއި ވާހަކަ ދެއްކުމުގައި އުނދަގޫ ކަމެއް ހުންނަ ކަމަށެވެ. އެއަށްފަހު ހިނގުމަށް ބަދަލުތަކެއް އަންނަ ކަމަށާއި ނުހިނގޭ ހިސާބަށް ގޮސް، ކިޔާ އެއްޗެއް ސާފުނުވާ ހިސާބަށް ގޮސް މުޅި އުމުރު އެނދުމަތީގައި ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކ. ކާށިދޫ ސިއްހީ މަރުކަޒުން ބަލި މީހުންނަށް ޒިޔާރަތްކުރަނީ/ ފޮޓޯ: ކާށިދޫ ސިއްހީ މަރުކަޒު

އެ ބަލީގެ އަލާމާތްތައް ފެންނަން ފަށާ ހިސާބުން އެ މީހެއްގެ މޫނުމަތީގެ ތާޒާކަން ގެއްލޭ ކަމަށާއި އެކަން އެހެން މީހުންނަށް ފާހަގަކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިހާރުވެސް އެހެން އަލާމާތެއް ނުފެނި ހަމައެކަނި ވާހަކަދެއްކުމުގައި އުނދަގޫތަކެއް ހުންނަ ދެ މީހަކު އެ ރަށުން ފާހަގަވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ ވާހަކަދެއްކުމަށް ބަދަލު އަންނަ ހިސާބުން މާ ގިނަ ދުވަސްތަކެއް ނުވެ، ހިނގުމަށް ބަދަލުތަކެއް އަންނަ ކަމަށާއި އަލާމާތްތައް ފެންނަ ހިސާބުން ގަވާއިދުން ކަސްރަތުކޮށް، މޫދަށް ގޮސް ފަތާ އުޅޭ މީހުންވެސް ނުހިނގޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"ހިނގުމަށް ބަދަލު އަންނަމުން ގޮސް ނުހިނގޭ ވަރުވަނީ. ދެން ތަންމަތިވަނީ. ތަންމަތިވީމަ ބުނާ އެތި ނޭނގޭ ވަރަށް ގޮސް ވާހަކަ ނުދެއްކޭ ވަރުވެސް ވޭ."
ކާށިދޫއިން ވާހަކަދެއްކި މީހެއް

އޭނާ ބުނީ އެއް ގެއެއްގެ ތެރޭގައި ތަންމަތިވެފައި އެތައް ކުދިންނެއް ތިބޭ ކަމަށާއި އެއްބަނޑުއެއްބަފާ ހައެއްކަ ކުދިންވެސް މި ބަލި، އެއްފަހަރާ ތަހަންމަލު ކުރަމުންދާ ކަމަށެވެ. އަދި މި ބަލީގައި އެހެން އޮވެ، އެތައް ބަޔަކު ނިޔާވެފައިވާކަން ފާހަގަކޮށް އެ މީހާ ބުނީ މިހާރު ވެސް ގާތްގަނޑަކަށް 40 މީހަކަށް އެ ބަލި ޖެހިފައި ހުރި ކަމަށެވެ.