ކާށިދޫގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 7 ވަނަ ދުވަހުން ފެށިިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިން ކަމަށެވެ.
އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެވަގުތު އެމީހުން ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 10.6 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސާދާގެ، އަހުމަދު ފިރާގު (46އ) އާއި ހަމަ އެރަށު ޝަރަފް، ސާލިމް ނަސީރު (43އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފިރާޤަގަ 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ސާލިމްއަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މާލެއާއި އަތޮޅު ތެރޭގައި ވެސް އެކި އެކި އޮޕަރޭޝަންތައް ހިންގަމުންދެއެވެ. އެގޮތުން އެފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ވެސް ފުލުހުން ހޯދާފައި ވެއެވެ.