ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތް އޮތުން ރައީސުލްޖުމްހުއްރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލު ކުރައްވައިފިއެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެ ކުރިން ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް މި އަހަހަރު މަޖިލީސް ހުޅުވާ ފެބްރުއަރީ 5 ވަނަ ދުވަހަކީ، މީގެ ފަހުން ސަރުކާރު ބަންދު ދުވަހެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ނޫން ދުވަހެއްކަމުގައި ކަނޑައަޅުއްވައި އެކަން ހާމަކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ބާތިލު ވެފައި ވާކަންވެސް ވަނީ ހާމަކުރައްވާފައެވެ.

މިއަހަރު މަޖިލީސް ހުޅުވާ ދުވަހަކީ އަންނަ ފެބްރުއަރޫ 5 ވަނަ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހާމަ ކޮށްފައެވެ. އަދި އެ ދުވަހު މަޖިލީސް ހުޅުވާ ޖަލްސާ އޮންނާނީ ހެނދުނު 9 ޖަހާ އިރު ކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ. މިއީ ރައީސް މުއިއްުޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިއްވަވާނެ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ރިޔާސީ ބަޔާނުގައި އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތުތަކާއި ތަސައްވުރާއި މާލީ ހާލަތާއި އެނޫންވެސް މުހިންމު ކަންކަމުގެ މައްޗަށް ރައީސްގެ ބަޔާނުގައި އަލިއަޅުވާލައްވައެވެ.

މީގެ ކުރިން ރިޔާސީ ބަޔާން އިއްވުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި އަދި ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވުން ހަމަޖައްސާފައި ވަނީ ރައްޔިތުން މަޖިލީހުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.