ޗައިނާގައި 2023 ވަނަ އަހަރު އުފަންވި ނިސްބަތް ރެކޯޑު މިންވަރަކަށް ދަށަށް ގޮސް، ޗައިނާގެ އާބާދީ ޖެހިޖެހިގެން ދެވަނަ އަހަރަށް ދަށަށް ގޮސްފިއެވެ. މީގެ ސަބަބުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެގައުމުން ކޮންމެ 1،000 މީހަކަށް 6.39 ކުދިން އުފަންވެފައިވާ ކަމަށެވެ. އެއީ 1949 ވަނަ އަހަރު ކޮމިއުނިސްޓް ޗައިނާ އުފެދުނު ފަހުން އެންމެ ދަށް އަދަދެވެ.

އެގޮތުން 9.02 މިލިއަން ކުދިން އުފަންވެފައި ވާއިރު 2022 ވަނަ އަހަރު 9.56 މިލިއަން ކުދިން ވަނީ އުފަންވެފައެވެ. 2023 ވަނަ އަހަރު އާބާދީ 1.409 ބިލިއަނަށް ދަށަށް ގޮސްފައިވާއިރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.08 މިލިއަން މީހުން މަދުވެފައިވާ ކަމަށް ބިއުރޯއިން ބުނެއެވެ.

މެކުއަރީ ގްރޫޕްގެ ޗީފް ޗައިނާ އިކޮނޮމިސްޓް ލެރީ ހޫ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވަރަށް ބޮޑު ދަށްވުމެއް އައީ ލޮކްޑައުންގެ ސަބަބުން ކަމަށާއި ސްޓްރަކްޗަރަލް ޑައުން ޓްރެންޑަށް ބަދަލެއް ނައި ނަމަވެސް 2024 ވަނަ އަހަރު އަލަށް އުފަންވާ މީހުންގެ އަދަދު އަލުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ގައުމަށް ޑިމޮގްރަފިކް ބަދަލު އައިސްފައި މިވަނީ އެ ގައުމުގެ ކުރިއެރުން ދަށަށް ދާ ދަނޑިވަޅެއްގައެވެ. އެންބީއެސް އިން ބުނީ މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު 5.2 ޕަސެންޓް ކުރިއަރާފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ގާތްގަނޑަކަށް ފަސް ޕަސެންޓް ކަމަށެވެ.

2022 ވަނަ އަހަރާ އަޅާބަލާއިރު ޗައިނާގެ އިގްތިސާދު އެންމެ ތިން ޕަސެންޓް ކުރިއަރާފައިވާ އިރު، މިއީ ފާއިތުވި ތިން ގަރުނުގެ ތެރޭގައި އެ ގައުމުން އިގްތިސާދީ ގޮތުން ދެއްކި އެންމެ ދަށް އެއް ކާމިޔާބީއެވެ.

އެ ތަފާސް ހިސާބުތައް އާންމުކުރުމާ ގުޅިގެން ބުދަ ދުވަހު ޗައިނާގެ ސްޓޮކްތައް ވެސް ދިޔައެވެ.

އިންވެސްޓަރުން ބޭރުވުމާއި ޑިފްލޭޝަން ފަދަ އިގްތިސާދީ ގިނަ މައްސަލަތަކެއް ޗައިނާއަށް ވަނީ ކުރިމަތިވެފައެވެ. އާބާދީ ކުޑަވުމުގެ ސަބަބުން ބެއިޖިންއަށް މިހާރު މަޖުބޫރުވަނީ އެގައުމުގެ އިގްތިސާދަށް އުމްރާނީ ބަދަލުތަކެއް ގެނައުމަށާއި ސިއްހީ ފަރުވާ އާއި ބޯހިޔާވަހިކަން ފަދަ ދާއިރާތައް އަލުން ބައްޓަން ކުރުމަށެވެ.

ބުދަ ދުވަހުގެ ތަފާސް ހިސާބުތަކަކީ މުޅިން ހިތާމަވެރި ތަފާސް ހިސާބުތަކެއް ނޫނެވެ. ހަތަރު ވަނަ ކުއާޓަރުގައި ޗައިނާގެ ޖީޑީޕީ 5.2 ޕަސެންޓް ކުރިއަރާފައި ވާއިރު، ތިން ވަނަ ކުއާޓަރުގައި ލިބިފައިވަނީ 4.9 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް މި ކުރިއެރުން ދިގު މުއްދަތަކަށް ދެމި ނޯވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޮންފަރެންސް ބޯޑުގެ ޗައިނާ ސެންޓަ ފޯ އިކޮނޮމިކްސް އެންޑް ބިޒްނަސްގެ ވެރިޔާ އަލްފްރެޑޯ މޮންޓުފާ-ހެލޫ ވިދާޅުވީ މިކަމުގެ ފަހަތުގައި މައިގަނޑު ދެ ސަބަބެއް ވާކަމަށާއި އެއީ ތިންވަނަ ކުއާޓަރުގެ ޗުއްޓީގައި ޕެންޓް-އަޕް ޑިމާންޑް، ކުރު މުއްދަތަކަށް ދޫކޮށްލުމާއި 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ބޭސް އިފެކްޓް ދަށްވުން ކަމަށެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި 2024 ވަނަ އަހަރު ޗައިނާގެ ޖީޑީޕީ ކުރިއެރުން 4.1 ޕަސެންޓަށް ދަށަށް ދާނެއެވެ.

މިދިޔަ ޑިސެމްބަރު މަހު އެންބީއެސްގެ ތަފާސް ހިސާބުތަކަށް ބިނާކޮށް ރޮއިޓާސް އިން ނެރުނު ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ގެދޮރުގެ އާ އަގުތަކެވެ. ޕްރޮޕަޓީ އިންވެސްޓްމަންޓް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު 9.6 ޕަސެންޓް ވަނީ ދަށަށް ގޮސްފައެވެ. މިއީ ޖެހިޖެހިގެން ދަށަށް ދިޔަ ދެވަނަ އަހަރެވެ.

ޗައިނާގެ ސަރުކާރުން ފާހަގަކޮށްފައިވާ ގޮތުގައި އެ ގައުމުގައި ކުދިން ވިހައި ނިސްބަތް ވެސް ވަނީ ދަށަށް ގޮސްފައި

ޗައިނާގެ އާބާދީ 2022 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައި ވާއިރު، އެއީ ކުރީގެ ލީޑަރު މާއޯ ޒޭޑޮންގްގެ ގްރޭޓް ލީޕް ފޯވާޑްގެ ސަބަބުން 1961 ވަނަ އަހަރު ކުރިމަތިވި ކާރިސާއަށްފަހު ޗައިނާގެ އާބާދީ ދަށްވި ފުރަތަމަ ފަހަރެވެ.

އުފަންވާ މީހުންގެ ނިސްބަތް ދަށްވެފައި މިވަނީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ދަރިން ހޯދުމަށް ސަރުކާރުން ބާރު އަޅަމުނަ ދަނިކޮށެވެ.

ނިއުޔޯކްގައި ހުންނަ ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ސީއެފްއާރު) ގެ ގްލޯބަލް ހެލްތުގެ ސީނިއާ ފެލޯ ޔަންޖޮންގް ހުއާންގް ވިދާޅުވި ގޮތުގައި ކައިވެނި ކުރާ މީހުން މަދުވެ، ދަރިން ހޯދަން ބޭނުންވާ ދެމަފިރިން ޗައިނާގައި މަދެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން، އިގްތިސާދީ ހީނަރުކަމާއި، ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ބޮޑުވުމުގެ ސަބަބުން، ކައިވެނި ކުރުމާއި ދަރިން ހޯދަން ބައެއް މީހުން ބޭނުމެއް ނުވޭ." އޭނާ ވިދާޅުވިއެވެ.

އުފަންވާ މީހުންގެ ނިސްބަތް ދަށަށް ދަނީ މަސައްކަތްތެރިން މަދުވެ، ހަލުވިކަމާއެކު މުސްކުޅިވަމުން އަންނަ އާބާދީއަކާ ގުޅިގެންނެވެ. އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ފަރުވާ އާއި ޕެންޝަނަށް ފައިސާ ދިނުމުގައި ޗައިނާގެ ސަރުކާރަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައި ވަނީ ވަޒީފާ އަދާކުރާ އުމުރުގެ މަދު ބަޔަކު ދިރިއުޅޭ އިގްތިސާދެއްގައި ކުރިއެރުން ދެމެހެއްޓުމަށް އަމާޒު ހިފާފައިވާތީއެވެ.

"ރިހި އިގްތިސާދު"

އުމުރުން 16 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންގެ ގޮތުގައި ގިންތިކޮށްފައިވާ ޗައިނާގެ މަސައްކަތު އާބާދީ މިދިޔަ އަހަރު ވަނީ 10.75 މިލިއަނަށް ދަށަށް ގޮސްފައެވެ. އަދި 60 އަހަރުން މަތީގެ މީހުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. އާބާދީގެ ފަސްބައިކުޅަ އެއްބައި ނުވަތަ ގާތްގަނޑަކަށް 297 މިލިއަން މީހުން މިހާރު ތިބީ އެ އުމުރުފުރާގައެވެ.

އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާގެ އެންމެ އިސް އިދާރާ، ސްޓޭޓް ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ "ރިހި އިގްތިސާދު" ހަރުދަނާ ކުރުމަށް ގައިޑްލައިނެއް ނެރެފައެވެ.

މި ގައިޑްލައިންގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ހިދުމަތްތަކާއި އުފެއްދުންތައް ތަރުތީބު ކުރުމަށް ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތާއި ފައިނޭންސް ފަދަ ދާއިރާތަކުގެ ކުންފުނިތަކަށް ގޮވާލާފައެވެ. އަދި ލޭންޑް ޑިވެލޮޕްމަންޓާއި ލޯކަލް ގަވަމަންޓް ފައިނޭންސިންގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ރިހި އިގްތިސާދު" ކުރިއެރުވުމަށް ގޮވާލާފައި މިވަނީ މިދިޔަ އަހަރު ހަތަރު ސިޓީއެއްގައި މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

މިދިޔަ އަހަރު ޗައިނާއިން މަރުވި މީހުންގެ ރޭޓާއި މަރުވި މީހުންގެ އަދަދު ވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ބުދަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންމެ ހާހަކުން 7.87 މީހުން މަރުވެ، ޖުމްލަ 11.1 މިލިއަން މީހުން ވަނީ މަރުވެފައެވެ. 2022 ވަނަ އަހަރު 10.41 މިލިއަން މީހުން މަރުވެފައިވާއިރު، މަރުވާ މީހުންގެ ނިސްބަތް އުޅެނީ ހާހަކުން 7.37 ރޭޓުގައެވެ.

މިދިޔަ އަހަރު ޗައިނާގައި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމެއް ފެތުރިފައިވާއިރު، ބަލިމަޑުކަމުގެ ހަރުކަށި ކޮންޓްރޯލްތަކަށް ކުއްލި އަކަށް ލުއިދިނުމާ އެކު 2022 ވަނަ އަހަރުގެ ފަހުކޮޅު މުޅި ގައުމުގައި ބަލި ފެތުރެން ފެށިއެވެ. ތަޖުރިބާކާރުން ބުނަނީ ކޮވިޑް-19 ގެ ޑޭޓާ ޓްރާންސްޕޭރެންސީ ދިފާއުކުރި ނަމަވެސް ޗައިނާއިން މަރުވާ މީހުންގެ ތަފްސީލީ ތަފާސް ހިސާބުތައް އާންމުކޮށްފައި ނުވާ ކަމަށެވެ.

ސީއެފްއާރުގެ ހުއާންގް ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 690،000 މީހުން މަރުވި އަދަދު އިތުރުވުމަކީ ޕެންޑެމިކްގެ ކުރިން އައި އަހަރުތަކުގައި ކުދި، އިންކްރިމެންޓަލް ކުރިއެރުމާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ދުވަސްވަރު މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ. ނަމަވެސް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން، ޗައިނާ އަލުން ހުޅުވާލުމުން މަރުވި މީހުންގެ ސައިންޓިފިކް އަންދާޒާތަކަށް ވުރެ މި އަހަރާއި މިދިޔަ އަހަރު މަރުވި މީހުންގެ އަދަދު މަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާ ނެތް ޒުވާނުންގެ ތަފާސްހިސާބުތައް

ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެންބީއެސް އިން ވަނީ ވަޒީފާ ނެތް ޒުވާނުންގެ ތަފާސްހިސާތުތައް އަނބުރާ ގެނެސްފައެވެ.

ޗައިނާގެ ޒުވާނުންގެ ވަޒީފާ ނެތް މިންވަރު އިތުރުވަމުންދާތީ އެކަން ހައްލުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ސިޔާސަތުތަކެއް ވެސް ތައާރަފްކޮށްފައި

ޒުވާނުންގެ މެދުގައި ވަޒީފާ ނެތް ކަމުގެ ތަފާސް ހިސާބުތައް އާންމުކުރުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މެދުކަނޑާލާފައިވަނީ މެތަޑޮލޮޖީ ރަނގަޅު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

16 އަހަރާއި 24 އަހަރާ ދެމެދުގެ ކުދިންގެ ވަޒީފާ ނެތް ނިސްބަތް މިދިޔަ ޑިސެމްބަރު މަހު ހުރީ 14.9 ޕަސެންޓުގައެވެ. އެންބީއެސް އިން ބުނީ އެ އަދަދުން 62 މިލިއަން ދަރިވަރުން ބާކީކޮށްފައިވާ ކަމަށާއި އެ ކުދިންގެ މައިގަނޑު މަސައްކަތަކަށް ވާންޖެހޭނީ ވަޒީފާ ހޯދުމުގެ ބަދަލުގައި ކިޔެވުން ކަމަށެވެ.

މީގެ އިތުރުން 25 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ވަޒީފާ ނެތް މީހުންގެ އާ ކެޓަގަރީއެއް އިތުރުކޮށް، ޑިސެމްބަރު މަހު އެ އަދަދު ވަނީ 6.1 ޕަސެންޓަށް އަރާފައެވެ.

ޗައިނާގެ އިގްތިސާދީ ގިނަ މައްސަލަތަކެއްގެ މައިގަނޑު އަޑީގައި އޮތް ރިއަލް އެސްޓޭޓްގެ މައްސަލަ އަދިވެސް ދެމި އެބައޮތެވެ.

2023 ވަނަ އަހަރު ސްކުއާ ފުޓޭޖުން ގެދޮރު ވިއްކާ މިންވަރު 8.5 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިއީ ޖެހިޖެހިގެން ދަށަށް ދިޔަ ދެވަނަ އަހަރެވެ.

2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ޕްރޮޕަޓީ އިންވެސްޓްމަންޓް 9.6 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިއީ ވެސް ޖެހިޖެހިގެން ދަށަށް ދިޔަ ދެވަނަ އަހަރެވެ.

ޗައިނާގެ އިގްތިސާދުގައި މުދަލުގެ ސިނާއަތަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށްވާއިރު އެއީ ޖީޑީޕީގެ 30 ޕަސެންޓެވެ. ގެދޮރުވެރިކަމުގެ މުދަލަކީ ގޭބިސީތަކުގެ މުއްސަނދިކަމުގެ އެންމެ ބޮޑު 70 ޕަސެންޓެވެ.

ޑިވެލޮޕަރުންނަށް ބިން ވިއްކައިގެން 2021 ވަނަ އަހަރުގެ ކުރީ އަހަރުތަކުގައި ލޯކަލް ގަވަމެންޓުގެ އާމްދަނީގެ 40 ޕަސެންޓް ވަނީ ހިއްސާކޮށްފައެވެ. މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން ސަރުކާރުން އިސްނަގައިގެން ޑިވެލޮޕަރުންގެ ދަރަންޏަށް ހުރަސް އެޅުމާއެކު މި ދާއިރާ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މުސްކުޅި އާބާދީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ބޯހިޔާވަހިކަމުގެ ޑިމާންޑް ދަށްވެ، ޕްރޮޕަޓީ އިންޑަސްޓްރީ ދަށަށް ގޮސް، ކުރިއެރުމުގެ ފުރުސަތުތަކަށް އަސަރުކުރާނެ ކަމަށް ދިރާސާވެރިން ލަފާކުރެއެވެ.

ނަމަވެސް ބުދަ ދުވަހުގެ ޑޭޓާގައި އުޖާލާ ތަފާސްހިސާބުތަކެއްވެސް އެބަހުއްޓެވެ.

މިދިޔަ ޑިސެމްބަރު މަހު ސިނާއީ އުފެއްދުންތެރިކަން 6.8 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، މިއީ އުންމީދު ކުރި ވަރަށް ވުރެ ރަނގަޅު އަދަދެކެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްފަހު އެންމެ ހަލުވި ކުރިއެރުމެވެ. 2023 ވަނަ އަހަރު ފެކްޓްރީތަކުގެ އުފެއްދުންތެރިކަން 4.6 ޕަސެންޓް އިތުރުވެފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ 3.6 ޕަސެންޓްގެ ކުރިއެރުމަކަށްވުރެ ހަލުވި ކުރިއެރުމެކެވެ.

ފިކްސްޑް އެސެޓް އިންވެސްޓްމަންޓް ވެސް މާކެޓް ފޯކާސްޓްތަކަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޑިސެމްބަރު މަހު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 3 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ.

2023 ވަނަ އަހަރު ރީޓެއިލް ސޭލްސް 7.4 ޕަސެންޓް އިތުރުވެފައިވާއިރު، 2022 ވަނަ އަހަރު ވަނީ 0.2 ޕަސެންޓް ދަށަށް ގޮސްފައެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ރީޓެއިލް ސޭލްސް މިދިޔަ އަހަރާ އަޅާބަލާއިރު 7.4 ޕަސެންޓް އިތުރުވެ، 8 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ގެއްލުނެވެ. އެ ހީނަރުކަން އެންމެ ބޮޑަށް ދިމާވީ ކާރާއި ބޭސް ވިއްކާ މިންވަރު ދަށްވުމުގެ ސަބަބުންނެވެ.

މިކްސްޑް ޑޭޓާއިން ދޭހަވަނީ ސަރުކާރުގެ ފަރާތުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ކަމަށް އެނަލިސްޓުން ބުނެއެވެ.

ސްވިޒަލޭންޑްގެ ޕްރައިވެޓް ބޭންކެއް ކަމަށްވާ ޔޫބީޕީގެ ސީނިއާ އިކޮނޮމިސްޓް ފޯ އޭޝިއާ ކާލޯސް ކަސަނޯވާ ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު އިގްތިސާދީ ރިކަވަރީ ކަށަވަރު ކުރުމަށް ސިޔާސަތުތަކަށް ލުއިތަކެއް ދޭން ޖެހޭނެއެވެ.