ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓާކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ޖެންޑާ މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ވަގުތީ ގޮތުން ކަމަށް ވީނަމަވެސް އެކި ސަބަބުތަކާއި ހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރެވޭކަން ޖެންޑާ މިނިސްޓްރީއިން ފާހަގަ ކުރެއެވެ. އަދި އެ ކުދިން އުފަން އާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓާކުރުމުގެ ނިޒާމު އެ މިނިސްޓްރީއިން ގާއިމްކޮށްފައި ވަނީ އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ މިހާރުވެސް ދާއިމީ ފޯސްޓަރިންގެ ތެރެއިން ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާއި ހަމައަށް ގާނޫނީ ބެލެނިވެރިކަން ހަވާލުކުރާ ކަމަށެވެ. އަދި ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނޭ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޖެންޑާ މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ. އެ ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމަށް މިނިސްޓްރީއިން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ވަގުތީ ގޮތުން ފޮސްޓާކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށްޓަކައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ވަގުތީ ގޮތުން ފޮސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުންކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީއިން ބުނި އެގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރު ދުވަސް ކަމަށެވެ. އަދި މުއްދަތެއް ކަނޑައަޅައި ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅު ކުރެވި،ކުއްޖާ އަނބުރާ އާއިލާއާއި ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްގަައި ކުއްޖާ ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އެގޮތުން، ވަގުތީ ގޮތުން ފޮސްޓާ ކުރާ މުއްދަތު ހަމަވާއިރު، އާއިލާގެ ހާލަތު ރަނގަޅުވެ ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓާކުރާ މުއްދަތު ހަމަވިޔަސް މުއްދަތު އިތުރުކޮށް އެ ކުއްޖާ ބަލަހައްޓަމުން ދާ ފޯސްޓާ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިން ނިޒާމުގެ ތެރެއިން ހަމަޖެއްސޭނެކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޖެންޑާ މިނިސްޓްރީއިން އިތުރަށް ބުނީ ވަގުތީ ފޮސްޓަރިންގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ގާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިހްތިޔާރު ވެސް ފޮސްޓާ އާއިލާއަށް ލިބިގެންދާނެ ކަމަށެވެ. އަދި ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ ނަންބަރު 1433 އާއި ގުޅުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ވައުދުފުޅެކެވެ. އެގޮތުން، ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަން ބަޔާންކޮށްފައި ވެއެވެ.