މަންމަގެ ނުރުހުމުގައި ނުހައްގުން ތުއްތު ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގައި، އެ ތުއްތު ކުއްޖާއާއި ކުއްޖާގެ މަންމަގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމުން ބުނީ، މި މައްސަލައިގެ ތަހުގީގުގެ ބޭނުމަށްޓަކައި، މައްސަލައާ ގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، ހައްގު ގެއްލުނު ކަމަށް ބުނާ ފަރާތުގެ އިތުރުން މައްސަލައާ ގުޅޭ އެހެނިހެން ފަރުދުންގެ ފަރާތުން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، މި މައްސަލަ ބެލުމަށް އެޗްއާރްސީއެމްގެ އިސް ޓީމެއް އެކި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކާއި ވަކިވަކި ފަރުދުންނާ ބައްދަލުކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ތަހުގީގަށް މުހިންމު ގިނަ މައުލޫމާތުތަކެއް މިއަދުގެ ތެރޭގައި ހޯދިފައިވާ ކަމަށާއި، ކޮމިޝަނުގެ ޓީމުގެ މަސައްކަތްތައް މިރެއާއި މާދަމާ ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދެއެވެ.
ހަމައެއާއެކު، މިފަދަ ނާޒުކު މައްސަލަތަކުގައި މައުލޫމާތު ފެތުރުމުގައްޔާއި އަމަލުތައް ބެހެއްޓުމުގައި، ހިމެނޭ ތުއްތު ކުއްޖާއާއި އެ ކުއްޖާގެ މަންމަގެ އިންސާނީ ކަރާމާތާއި ހައްގުތަކަށް އިހުތިރާމްކުރުމަށާއި، އެ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރްސީއެމުން ވަނީ ހަރު އަޑުން ގޮވާލާފައެވެ
އެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާއިން ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރަމުންދާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވީހިނދު، އެކަން ކުރިއަށް ގެންދާނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މައިންބަފައިންގެ ގާތުގައި ކުއްޖާ ނުބެހެއްޓޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ދެން އެންމެ އިސްކަމެއް ދޭނީ ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ފަރާތެއް ހުރިކަމުގައިވާނަމަ، ކުއްޖާ އެފަރާތެއްގެ ގާތުގައި ބެހެއްޓުމަށް ކަމަށް ވެއެވެ. އަދި މިއިން އެއްވެސް ހާލަތެއްގައި ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
