ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 13 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައި ވާކަމަށް ޖެންޑާ މިނިސްޓްރީ ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާއާ ގުޅޭ 92 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 12 އަންހެން ކުއްޖަކަށް އަދި 1 ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ވަނީ ހުށަހަޅާފައެވެ.

ޖިންސީ ގޯނާގެ މައްސަލައިގެ އިތުރުން ރިޕޯޓްކޮށްފައިވާ މައްސަލަތަކަކީ:

  • ގެވެށި އަނިޔާކުރާތަން ފެނުން ނުވަތަ ދެއްކުމުގެ 19 މައްސަލަ
  • އިހުމާލުވުމުގެ 24 މައްސަލަ
  • ނަފްސާނީ އަނިޔާގެ 6 މައްސަލަ
  • ޖިސްމާނީ އަނިޔާގެ 18 މައްސަލަ
  • ސައިބާ ގްރޫމިންގެ 1 މައްސަލަ
  • ކުޑަކުދިންގެ ބަރަހާނާ ވީޑިއޯގެ 1 މައްސަލަ
  • ގަނާކުރުމުގެ 2 މައްސަލަ
  • ޖިންސީ ފުރައްސާރައިގެ 5 މައްސަލަ

މިދިޔަ މަހު ކުދިންގެ އަހްލާގާ ގުޅޭ 17 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގެއިން ފިލައިގެން ދިއުމުގެ 3 މައްސަލަ ސްކޫލަށް ހާޒިރުނުވުމުގެ 4 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ކުދިން ބެލުމުގައި ދިމާވާ 33 މައްސަލަ އެއް މިދިޔަ މަހު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ އިތުރުން ކުދިންގެ ބެލެނެވެރިކަމާއި ގުލޭ 14 މައްސަލަ، ކުދިންނާ ބައްދަލުނުކުރެވުމުގެ 14 މައްސަލަ އަދި ކުއްޖާގެ ބެލެނެވެރިކަން ހޯދުމުގެ 4 މައްސަލަ ހިމެނެއެވެ.

މިދިޔަ މަހު ޖެންޑާ މިނިސްޓްރީން އެހީއަށް ބޭނުންވާ 16 މީހަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.