މާލޭ ސިޓީ ކައުންސިލް އާއި ޗައިނާގެ ފޫޒޯ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން، މާލޭ ސިޓީ އާއި ފޫޒޯ ސިޓީއާ ދެމެދު "ލެޓާ އޮފް އިންޓެންޓް" އެއްގައި ސޮއިކޮށްފިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފޫޒޯ ސިޓީގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ހަމަޖެހިގެންދިޔަ ކަމެކެވެ. މިގޮތުން މާލޭ ސިޓީ އާއި ފޫޒޯ ސިޓީއާ ދެމެދު ފްރެންޑްލީ ސިޓީ ގުޅުން ގާއިމްކުރުމުގެ މަސައްކަތްތައް ފެށުމުގެ ގޮތުން "ލެޓާ އޮފް އިންޓެންޓް" ގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

މާލޭ ސިޓީ އާއި ފުޒޯ ސިޓީއާ ދެމެދު މިފަދަ ގުޅުމެއް ގާއިމުކުރުމުން ދެ ސިޓީ ދެމެދު ތަފާތު ދާއިރާތަކުން ގުޅުން އިތުރުކުރުމަށް މަގުފަހިވެގެން ދާނެއެވެ. މިގޮތުން އިގްތިސާދީ ދާއިރާއިންނާ، ތައުލީމާއި ސިއްހަތު ދާއިރާއިން، ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާއިން އަދި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ސަގާފީ ދާއިރާއިން ގުޅުން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

މީގެ ކުރިންވެސް، މާލޭ ސިޓީ އާއި ސޫޒޯ ސިޓީއާ ދެމެދު 2016 ވަނަ އަހަރު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. އަދި މިގުޅުމުގެ ސަބަބުން ދެ ސިޓީ ދެމެދު އިގްތިސާދީ ގޮތުން ގުޅުން އިތުރުވެގެން ދިޔައެވެ. މިގޮތުން ކޮވިޑް-19 ގެ ދުވަސްވަރު ސޫޒޯ ސިޓީގެ ފަރާތުން ވަނީ ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފައެވެ.