ރޯދަމަހު ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގު އުފުލިޔަ ނުދީ، އަގު އެއްވަރެއްގައި ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ދެއްވައިފިއެވެ.

ރޯދަ މަހު ބާޒާރުގެ އަގު އުފުލިގެން ދާ މައްސަލަ އާއި ގުޅޭ ގޮތުން މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރޯދަމަހާ ގުޅިގެން ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ރޯދަމަހު، ތަކެތީގެ އަގު ކޮންޓްރޯލް ކުރެވިގެން ރައްޔިތުންނަށް އަގުހެޔޮކޮށް އަތްފޯރާ ފަށުގައި ލިބޭނެކަމަށް ހުސައިން އިސްމާއީލް ވިދާޅުވިއެވެ. އަދި ހާއްސަކޮށް ރާއްޖޭގައި އުފައްދާ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވިގެން ދާނެކަމަށް ހުސައިން އިސްމާއީލް ވިދާޅުވިއެވެ.

ބާޒާރުގެ އަގު ކޮންޓްރޯލް ކުރާނެ ގޮތްތަކެއް ހޯދުމަކީ މި ސަރުކާރުގެ 'ހަފްތާ 14' މަގުޗާޓުގައި އެ މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ހުސައިން އިސްމާއީލް ވިދާޅުވީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މަސައްކަތް މި ހަފްތާގައި ފަށާނެކަމަށެވެ. ބާޒާރުގައި އަގުތައް ކޮންޓްރޯލްކުރުމަށް ކުރަމުން ދާ މަސައްކަތްތަކުގެ ކުރިއަށް ދާނެ ގޮތާއި ގުޅޭ ގޮތުން ހުސައިން އިސްމާއިލް ވިދާޅުވީ އެކަން ކުރިއަށް ދާނީ ދުރާލާ މަސައްކަތް ފަށައިގެން، ރޯދަމަހަށް ކާބޯތަކެތީގެ އެކި ބާވަތްތައް ބޭނުންވާނެ މިންވަރު ދެނެގަނެގެން ކަމަށެވެ.

ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާ އެކު ބާޒާރަށް ގެނެވޭނެ ގޮތްތަކެއް ހަމަޖައްސަން އެގްރޯނެޓާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރަމުން ހުސައިން އިސްމާއިލް ވިދާޅުވީ ދަނޑުވެރިން ހައްދާ އަދަދު ދެނެގަނެވުމުން ރާއްޖެއިން ބޭރުން ގެންނަންވާ އަދަދު ވެސް އެނގި، އަގު ހިފަހައްޓަން ފަސޭހަވެގެން ދާނެކަމަށެވެ.