ސީރިއާގައި ތިބި 5 އާއިލާއެއްގެ 21 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސީރިއާގައި ތިބި ފަސް އާއިލާއެއް ހާލުގައި ޖެހިފައި ތިބި ކަމަށާއި އެމީހުން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެމީހުންނަކީ ދިވެހިންތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް މޯލްޑިވްސް ޕޮލިސް ސާވިސަސް ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރާ ގުޅިގެން ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރަމުންދިޔަ އިރު ދިވެހި ފުލުހުންގެ ފަރާތުން ތަފާތު އެތައް ފަހަރުގެ މަތިން އެ ސަރަހއްދަށް ގޮސް އެ އާއިލާތަކުގެ ހާލު ބަލައި، އެސެސްމަންޓްތައް ހަދައި މައުލޫމާތުތައް ނަގާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެމީހުންނަކީ ދިވެހިން ކަން ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓު ހަދައިގެން އެމީހުންނަކީ ދިވެހިން ކަން ވަނީ ކަށަވަރު ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ފަސް އާއިލާގެ ތެރޭގައި ހިމެނެނީ ޖުމްލަ 21 މީހުން ކަމަށާއި އޭގެތެރޭގައި 15 ކުޑަކުދިންނާއި، 6 ބޮޑެތި މީހުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޮޑެތި މީހުންގެ ތެރޭގައި ތިބި 6 މީހުންގެ ތެރޭގައި ހިމެނެނީ 5 އަންހެނުންނާއި 1 ފިރިހެނެކެވެ. 15 ކުޑަކުދިންނަކީ ދިވެހި 5 އަންހެނުންގެ ދަރިން ކަމަށާއި އެކަން ކަށަވަރުކޮށްފައި ވަނީ ޑީއެންއޭ ހަދައިގެން ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

"މީގެ ތެރޭގައި ގިނައީ ކުޑަކުދިން. މައުސޫމް ތުއްތު ކުދިން. މިފަހަރު މި ގެނެވުނު ކުދިންގެ ތެރޭގައި 3 އަހަރުގެ ކުއްޖަކު ވެސް އެބަ ހިމެނޭ. އެހެންވީމަ ވަރަށް ލާ އުމުރުގައި ވަރަށް އެހެން ކަހަލަ މާހައުލަކަށް އެކްސްޕޯސް ވެފައި ތިބި ކުދިންތަކެއް މިއީ"
މިނިސްޓަރު އަލީ އިހުސާން

އެމީހުންގެ ވަނަވަރު ދެނެގަތުމަށް ފަހު އެމީހުން އަވަހަށް ރާއްޖެއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީ ސަރުކާރުގައި އެކަމަށް އެދިވަޑައިގެންފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ އިރުޗާދާ އެއްގޮތަށް މިކަން ކުރުމަށް 14 ޖެނުއަރީގައި ވަނީ ހާއްސަ ފްލައިޓެއްގައި މާލެއިން 15 މީހުންގެ ޓީމަކާއެކު އެމީހުން ބަލައި ތުރުކީއަށް ފޮނުވާފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ދަތުރުގައި މެޑިކަލް ޕްރޮފެޝަނަލް އާއި ސެކިއުރިޓީ ބަލަހައްޓާ މީހުންނާއި ސައިކޮލޮޖިކަލް ސަޕޯޓް ދެވޭ މީހުންނާއި ދިވެހި ފުލުހުންގެ އިންޓެލިޖަންސް އަދި ތަހުގީގުގައި މަސައްކަތް ކުރާ މީހުން ބައިވެރިވިއެވެ.

15 މީހުންގެ ޓީމް ތުރުކީއަށް ގޮސް އެކޮޅުން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު ރޭގެ ވަގުތެއްގައި އެ ދިވެހި 5 އާއިލާ ވަނީ ރާއްޖެ އަންނަ ފުރި ކަމަށާއި އެ ފްލައިޓް ރާއްޖެއަށް ޖެއްސީ މިއަދު ފަތިހު 5:02 ހާއިރު ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެއަށްފަހު އެ އާއިލާތަކުގެ މެޑިކަލް އެސެސްމަންޓް ހަދައި މި ވަގުތު ކ. ހިންމަފުށީގައި ގާއިމްކުރެވިފައިވާ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަށް އެ އާއިލާތައް ވަނީ ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުންގެ ހެދި މެޑިކަލް އެސެސްމަންޓުން ދައްކާ ގޮތުގައި އެމީހުންގެ ތެރޭގައި ބަލި ހާލަތު ގޯސް މީހެއް ނެތް ކަމަށާއި އާންމު ހާލަތު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެން ކުރިއަށްދާނީ އެމީހުންނަށް ހަދާ ހާއްސަ އެސެސްމަންޓްތަކެއް ކަމަށާއި އެ އެސެސްމަންޓްތަކަކީ ކޮންމެ މީހެއްގެ ވަކިވަކިން ހަދާނެ އެސެސްމަންޓްތައް ކަމަށް އިހުސާން ފާހަގަ ކުރެއްވިއެވެ. އެ އެސެސްމަންޓްތަކުގެ ޒަރިއްޔާއިން އެމީހުންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަން ފަރުވާ ދެނެގަނެވި އެ ފަރުވާ ޑިޒައިން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށް ފަހު އެމީހުންނަކީ ދިވެހި މުޖުތަމައުގައި އާންމު ހާލަތުގައި އުޅެވިދާނެ ބައެއް ކަމަށް ހުރިހާ ގޮތަކުން ވެސް ގަބޫލުކުރެވޭ ހިސާބަަށް ދިއުމުން މެނުވީ އެމީހުން މުޖުތަމައުއަށް ދޫކޮށްލުމުގެ މަސައްކަތް ފަށާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މީގެ ކުރިން ސީރިއާއިން ރާއްޖެއަށް ގެނައި އާއިލާއެއް މުޖުތަމައުއަށް ނެރެން އެއް އަހަރާއި އެއް މަސް ދުވަސް ނެގި ކަން އިހުސާން ފާހަގަ ކުރެއްވިއެވެ.