ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ގާނޫނުން ލިބިދޭ 10 ދުވަހުގެ މުއްދަތު މި މަހުގެ 21 ގައި ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބޫ ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ، ވޯޓާސްލިސްޓަށް ޝަކުވާ ހުށަހަލާ އިރު، އެމީހެއްގެ ނަން، އެޑްރެސް، އައިޑެންޓިޓީ ކާޑު ނަންބަރު އަދި ހާއްސަކޮށް އެމީހަކު ވޯޓުލާން ޖެހޭ ދާއިރާ އޮތީ ރަނގަޅަށްތޯ ބެލުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބަލާނީ ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑަށް ކަމަށާއި، ގޭގޭގެ ރަޖިސްޓަރީ އަކަށް ނުބަލާނެ ކަމަށް އެނާ ވިދާޅުވިއެވެ.

އެހެންކަމުން އައިޑެންޓިޓީ ކާޑު ގައިވާ މައުލޫމާތާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މައުލޫމާތު ދިމާވޭތޯ އަވަހަށް ޗެކް ކުރުމަށާއި 1414 އާ ގުޅައިގެން މައުލޫމާތު އޮޅުންފިލުވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. މި މުއްދަތު ގައި ޗެކް ނުކުރެވިއްޖެ ނަމަ، ބޭނުންވާ ދާއިރާއަށް ވޯޓު ނުލެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަން އިން އިއުލާން ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ރަޖިސްޓްރީ ވެފައިވަނީ ކޮންތަނެއްގައި ކަން އެސްއެމްއެސްގެ ޒަރިއްޔާ އިން ވެސް ބަލާލެވޭނެއެވެ. އެސްއެމްއެސްގެ ޒަރިއްޔާއިން ބަލާލުމަށް: (VR space IDNO Send to 1414)

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،337 މީހަކަށް ލިބިގެންވާ ކަމަށް އީސީން ބުނެއެވެ.