ރާއްޖެއިން އިންޑިއާ އާ ފެއަށް ޖެހި ޗައިނާ އާ ގުޅުން ބަދަހި ކުރުމަކީ އިންޑިއާ އަށް ނުރައްކަލެއް ކަމަށާއި އެއީ އިންޑިއާ ސަރުކާރުން ސީރިއަށް ކޮށް ވިސްނަން ޖެހޭނެ މައްސްލައެއް ކަމަށް އެގައުމުގެ އެމްޕީ ސަޝީ ތަރޫރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މެގައިންއެއް ކަމަށްވާ "ތުގުލާ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ޗައިނާ އަކީ އެގައުމުގެ ނުފޫޒާއި ބާރު އިންޑިއާ ހިމެނޭހެން މުޅި ސަރަހައްދަށް ފޯރުވަން އަދި ފުޅާ ކުރަން މަސައްކަތް ކުރާ ގައުމެއް ކަމަށާއި ރާއްޖެއިން އިންޑިއާ އާ ފެއަށް ޖެހި ޗައިނާ އާ ގާތް ވުމަކީ އެކަމުގެ ނުރައްކާ އިންޑިއާ އަށް އޮތް ކަމެއް ކަމަށެވެ.
ކުރިން އިންޑިއާގެ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތަރޫރު ވިދާޅުވީ، ޗައިނާއިން ނުފޫޒު ފޯރުވުމުގައި ކުޑައެއް ބޮޑެއްނުބަލާ ކަމަށާއި ރާއްޖެއާ ގުޅުން ބަދަހި ކޮށް ރާއްޖެ ގާތް ކުރާ މައްސަލައިގައި އިންޑިއާ ސަރުކާރުން ވިސްނުންތެރި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
އަދި ދެގައުމުގެ ދެމެދުގައި އުފެދިފައި ވާ ނުތަނަވަސްކަން ހައްލުކުރާނީ ސޯޝަލް މީޑިއާގައި ނޫން ކަމަށާއި އެމައްސަލަތަކުގައި އިންޑިއާގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކޮށް ދެގައުމުގެ ދެމެދުގައި ސީރިއަސް މަޝްވަރާތައް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އަދި ރާއްޖެ ކުޑަޔަސް ރާއްޖެއިން ކުރިއަށް ދާނެ ގޮތެއް، އަދި މަގެއް އިހުތިޔާރު ކުރުމުގެ ފުރިހަމަ ހައްގު ރާއްޖެއަށް އޮންނަން ވާނެކަން އިންޑިއާއިން ގަބޫލު ކުރަން ޖެހޭނެ ކަމަށާއި ރާއްޖެއާ ގުޅިފައި ހުރި ހައްސާސް މައްސަލަތަކުގައި ރާއްޖެއިން އަމަލުކުރާ ގޮތަށް ިއހުތިރާމްވެސް ކުރަން ޖެހޭނެ ކަމަށެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ނުތަނަވަސްކަން ބޮޑުވެ ދެގައުމުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔާ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
މީގެ އިތުރުން އިންޑިއާއިން ދެކޭ ގޮތަށް ރާއްޖެ އަކީ އެއްވެސް ބައެއްގެ ބެކްޔާޑު ނޫން ކަމަށާއި، ރާއްޖެ ކުޑަޔަށް ބްލީ ކުރުމުގެ ހައްގު [އިންޑިއާ] އަށް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއެކު އިތުރަށް ވަނީ ސިޔާސީ ވާހަކަތައް ހޫނުވެފައެވެ.
މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިާ ސިފައިން އަންނަ މާޗް މަހުގެ 15 ގެ ކުރިން ގެންދަން ވަގުތު ދެއްވާފައެވެ. އެއާއެކު ދެގައުމުގެ ދެމެދުގައި ހައިލެވަލް މަޝަވަރާތައް އިއްޔެ ފަށާފައި ވާ އިރު، ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގައި ބޭނުން ކުރާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބޭނުން ކުރުން އަންނަ މާޗަށް ހުއްޓާލައްވާނެ ކަމަށެވެ. އަދި މިހާރުވެސް މެޑިކަލް އެމަޖެންސީ ހާލަތުގައި ދިވެހިން ދުއްވާ އުޅަނދުތައް ބޭނުން ކުރަން ފަށާފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.