ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ މިދިޔަ ސަރުކލާތުން ބިން ދޫކޮށްފައި ނުވާތީ ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ހޯދަން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ދައުވާ ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. ނަމަވެސް އާ ބިމަށް އެތަން ބަދަލެއް ނުކުރެ އެވެ.

އެ މައްސަލާގައި ކޮރެލް ބޮލެވާޑް ކުންފުނިން ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އާ ބިމަށް އެތަން ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ ދައުވާ އެގޮތުގައި ކުރިއަށް ގެންދިއުމާ މެދު ދައުލަތުން ދެކޮޅު ހެދީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ބައި އެ ދައުވާގައި ނުހިމެނޭނެ ކަމަށް ބުނެ އެވެ. އެހެންކަމުން ސިވިލް ކޯޓުން ނިންމީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީގެ މައްޗަށް އެ ދައުވާ ކުރެވޭނެ ކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ

ކޮރަލް ބޮލެވާޑް ޓަވަރުތަކަކީ 28 ފަންގިފިލާއަށް 4 ޓަވަރު ބިނާ ކުރުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއެކެވެ. މި ޓަވަރުތައް މާލޭގެ ރަސްފަންނުގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވަނިކޮށް ކުރީ ސަރުކާރުން ވަނީ މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ނުހިންގުމަށް ނިންމައި ހުޅުމާލޭގައި މި މަޝްރޫ އަލުން ފެށުމަށް ނިންމާފައެވެ.

މި މަޝްރޫއަށް މާލޭގެ ރަސްފަންނު ސަރަހައްދުން ދޫކުރީ 70،000 އަކަފޫޓުގެ ބިމެކެވެ. އެހެން ނަމަވެސް މި މަޝްރޫއަށް ހުޅުމާލެއިން ވަނީ މި ބިމަށްވުރެ ގާތްގަނޑަކަށް ދޮޅު ގުނަ ބޮޑު ބިމެއް ދޫކޮށްފައެވެ.

ކޮރަލް ބޮލެވާޑް ގެ ޓަވަރު ތަކަކީ 350 އެޕާޓްމެންޓާ ޝޮޕިން މޯލް އެއްގެ އިތުރުން ކުޅިވަރު ކުޅެވޭގެ ޕްލޭ ގްރައުންޑަކާއި ޕާކިން އެރިއާއެއް ހިމެނޭގޮތަށް އިމާރާތްކުރާ 4 ޓަވަރެވެ.