އެމްޓީސީސީ ފަދަ އިތުރު އެހެން ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ކެބިނެޓް ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީއިން ހުށަހެޅި ކަރުދާހެއް ކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެއީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެތަން ތަނުގެ ހިންގުމަށް ހަރަދެއް ކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތަކެއް އެކަށައެޅުމާ ގުޅޭ ގޮތުން ހުށަހެޅުނު ކަރުދާހެއް. ކަމަށެވެ.

ނާޒިމް ވިދާޅުވީ ދައުލަތުގެ ވަރަށް ގިނަ ކުންފުނިތައް ހަރަދު ބޮޑުކޮށް، ލިބޭ އެއްޗަކުން ފޫނުބެދޭ ގޮތަށް ހިންގަމުންދާ ކަމީ ދިވެހި ރައްޔިތުން އަބަދުވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ އިންފްލާސްޓްރަކްޗާގެ ގިނަ މަސައްކަތްތައް ހުއްޓިފައި ހުރުމަށް އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނި ކަމަށްވާ، އެމްޓީސީސީ އިތުރުން އެ ފަދަ އެހެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

އިތުރު ކުންފުންޏެއް އުފައްދަން ނިންމާފައިވަނީ އެމްޓިސީސީގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފުނިޖެހިފައި ކަމަށާއި ކުރެވޭ ވަރަށް ވުރެ މަސައްކަތްތައް ގިނަވެފައިވާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅުމަށް ކެބިނެޓުން ވަނީ ނިންމާފައިއެވެ. އެގޮތުން ދައުލަތުގެ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖާކޮށް، ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަސް ޝައުގުވެރިކަން އިތުކުރެވޭނެހެން ވަކި ވަކި ކުންފުނިތަކަކަށް ހާއްސަ ކީ ޕާޕޯމެންސް އިންޑިކޭޓާސް ކަނޑައަޅާ ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރުން ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނެޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި ޕަބްލިކް، ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހިންގާނެ ކުންފުނިތަކާއި އަދި އާންމުންނަށް ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަނެ އެކުލަވާލަންޖެހޭ ސިޔާސަތު ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޓީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޓީ އާއި ކެޕިޓަލް ދޭނެ އުސޫލު 3 މަސް ދުވަސް ތެރޭގައި ކަނޑައެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.

އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތައް ހިންގުން މި އަހަރުގެ ތެރޭގައި ހަރުދަނާކޮށް ކޭޝްޕްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދީ ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަށް އަންނަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާޕޯސް ނުކުރޭ ކުންފުނިތަކަށް ބަދަލު ގެނައުމަށްވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ރީސްޓްރަޗާ ކުރަން ޖެހިއްޖެ ހާލަތެއްގައި ރީސްޓްރަކްޗާ ކުރުމާއި އެއްކޮށްލަން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުމަށްވެސް އަދި އަލަށް ކުންފުންޏެއް ފެށުމާ އަދި އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލު 3 މަސް ދުވަހުގެ ތެރޭގައި އެކުލަވާލުންމަށްވެސް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.