މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ނުލިބުނީ ކުރަންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ސްޕެޝަލް އެޑްވައިޒާ ޓް ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއެއްގެ ކައުންސިލް މެންބަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ އިންތިހާބަށްފަހު މިރޭ ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވަނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޕާޓީގެ އާންމު މެންބަރުންގެ އަރިހުން މާފަށް އެދިފައެވެ. އަދުރޭ ވިދާޅުވީ މިއަދުގެ ނަތީޖާ އެގޮތަށް ފެނިގެން ދިޔައީ އިންތިހާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

އަދުރޭ ވިދާޅުވީ ސަރުކާރު ލިބި، ސަރުކާރާ ހަވާލުވެވަޑައިގެން ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅުމުގެ ތެރެއިން މި އިންތިހާބަށް ދޭންވާ ސަމާލުކަން ދެވިފައި ނުވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މޭޔަރުގެ ގޮނޑި ގެއްލިގެން ދިޔައީ ކަމަށެވެ. އެހެންނަމަވެސް މި އިންތިހާބުގެ ނަތީޖާއިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށްވުރެ ވަރުގަދައަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަދުރޭ މެންބަރުންނަށް ދެއްވާފައެވެ.

މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި މެންބަރުން މާޔޫސް ވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނުފެންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެއަށްވުރެ ގާތްކޮށް މެންބަރުންނާއެކީގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އެއަށްވުރެ ބޮޑަށް މަސައްކަތް ކުރެވުނު ނަމަ އެ އަދަދު އިތުރުކުރެވުނީސް ކަމަށެވެ.

މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއެއްގެ ކައުންސިލް މެންބަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި މޭޔަރު ކަމަށް އާޒިމް އިންތިހާބުވެވަޑައިގެންނެވީ 43.79 ޕަސެންޓާއެކުގައެވެ. އެއީ 7،621 ވޯޓެވެ. އާޒިމްގެ އިތުރުން އެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) ގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަދި އަމިއްލަ ގޮތުން ޝުއައިބް އަލީ ވާދަކުރެއްވިއެވެ.

މި އިންތިހާބުގައި ޖުމްލަ 162 ވޯޓު ފޮޓެއް ބަހައްޓާފައިވާއިރު އާޒިމާއަށް ލިބިވަޑައިގެންފައިވަނީ 5،032 ވޯޓެވެ. ސައިފަށް 2،336 ވޯޓު ލިބިވަޑައިގެންނެވިއިރު ހުސައިން ވަހީދަށް ލިބިވަޑައިގެންފައިވަނީ 1،888 ވޯޓެވެ. އަދި ޝުއައިބަށް ލިބިވަޑައިގެންފައިވަނީ 125 ވޯޓެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސްވެފައިވަނި މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރިޔާސީ ދައުރު ބަދަލުވިއިރު ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންފައިވުމާ ގުޅިގެންނެވެ.

އެއަށްފަހު މާލެ ސިޓީ ކައުންސިލްގެ އިތުރުން ތިން ދާއިރާއެއްގައި ތިއްބެވި ކައުންސިލް މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައެވެ.