މިއަދު ކުރިއަށްގެންދިޔަ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލާފައިވަނީ 17،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ އިތުރުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމަށް ބައި އިލެކްޝަނެވެ.

މި އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު 56،002 މީހަކަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަން ތަފާސް ހިސާބުތަކުން ދަައްކާ ގޮތުގައި 5 ޖެހުމުގެ ނިޔަލަށް ވޯޓުލާފައިވަނީ 31 ޕަސެންޓް މީހުން ކަމަށްވާއިރު އެއީ ޖުމްލަ 17،000 މީހެކެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓަކު ވާދަކުރެއްވިއިރު ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) ގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަދި އަމިއްލަ ގޮތުން ޝުއައިބް އަލީއެވެ.

މި އިންތިހާބުގައި ޖުމްލަ 162 ވޯޓު ފޮޓެއް ބަހައްޓާފައިވާއިރު މިހާތަނަށް ގުނި 296 ފޮށީގެ ނަތީޖާތައް ދައްކާ ގޮތުގައި އާޒިމް ކުރި ހޯއްދަވާފައިވަނީ 44.99 ޕަސެންޓާއެކުގައެވެ. އެއީ 5،813 ވޯޓު ކަމަށްވާއިރު އާޒިމާ އެންމެ ގާތުގައި ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާއަށް ލިބިވަޑައިގެންފައިވަނީ 3،634 ވޯޓެވެ. ސައިފަށް 1،750 ވޯޓު ލިބިވަޑައިގެންނެވިއިރު ހުސައިން ވަހީދަށް ލިބިވަޑައިގެންފައިވަނީ 1،335 ވޯޓެވެ. އަދި ޝުއައިބަށް ލިބިވަޑައިގެންފައިވަނީ 94 ވޯޓެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސްވެފައިވަނި މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރިޔާސީ ދައުރު ބަދަލުވިއިރު ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންފައިވުމާ ގުޅިގެންނެވެ.

އެއަށްފަހު މާލެ ސިޓީ ކައުންސިލްގެ އިތުރުން ތިން ދާއިރާއެއްގައި ތިއްބެވި ކައުންސިލް މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައެވެ.