މިހާރު ކުރިއަށްދާ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާއިރު، މެންދުރުފަހު 1 ގެ ނިޔަލަށް 14.08 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ބައި އިލެކްޝަންގައި ވޯޓުލީ މީހުންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އީސީން ބުނީ، މިއަދު މެންދުރުފަހު 1 ގެ ނިޔަލަށް 7883 މީހުން ވޯޓުލާފައިވާ ކަމަށާއި އޭގެ ތެރޭގައި 8.10 ޕަސެންޓް ފިރިހެނުންނާއި 5.97 ޕަސެންޓް އަންހެނުން ހިމެނޭ ކަމަށެވެ.

މި އަދަދާއެކު މި އިންތިހާބުގައި ވޯޓުލުމަށް ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 48،119 މީހަކު އަދި ވޯޓު ނުލާއިރު، އެއީ 85.92 ޕަސެންޓެވެ.

މާލޭގެ މޭޔަރުގެ އިތުރުން ތިން މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާ އިރު މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދަކީ 54،680 އެވެ. ހަމައެއާއެކު މި ބައި އިލެކްޝަންގައި މ. މުލަކު އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމެޓީ ހޮވުމަށް މުލަކުން ވޯތޫ ލާން ހައްގުވާ މީހުންނާއެކު ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 56،002 މީހުންނެވެ.

މިއަދުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) ގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަދި އަމިއްލަ ގޮތުން ޝުއައިބް އަލީ އެވެ.

ހުރިހާ ކެންޑިޑޭޓުންގެ އެދުމަކީ ވެސް ވީހާވެސް ގިނަ ރައްޔިތުން ނިކުމެ މި ވޯޓުގައި ބައިވެރިވުން ކަމުގައި ވަނީ ވިދާޅުވެފައެވެ.