މޫސުން ގޯސްވުމުގެ ސަބަބުން، މާދަމާ ބާއްވަން ހަމަޖެހިފައިވާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބަށް އެއް ގަޑިއިރު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ އަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، ސިފައިން ދަނީ ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގެ އިތުރުން، ޕަމްޕު ބޭނުންކޮށްގެން މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ މާލޭގެ މޭޔަރު ހޮވުމަށްޓަކައި ބާއްވާ އިންތިހާބުގެ ވޯޓުލުން ހަވީރު 5 ޖަހަންދެން ކުރިއަށް ދާނެ ކަމަށެވެ. އާންމު ގޮތެއްގައި އިންތިހާބުތަކުގައި ވޯޓުލުން ކުރިއަށް ދަނީ ހެނދުނު 8 އިން ފެށިގެން ހަވީރު 4 ގެ ނިޔަލަށެވެ.އެ ކޮމިޝަނުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ ބާއްވާ އިންތިހާބަށް ގަޑިއިރެއް އިތުރުކުރަން ނިންމީ، މޫސުން ގޯސްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރައި، އާންމުން ނުކުމެ އުޅުމަށް ދަތިވާނެތީ ކަމަށެވެ.

މާދަމާ ބާއްވާ އިންތިހާބުގައި މާލޭގެ އާ މޭޔަރު ހޮވުމުގެ އިތުރުން، މާފަންނު ދެކުނު ދާއިރާ އަށް އާ ކައުންސިލަރަކާއި މެދުހެންވޭރު ދާއިރާ އަށް އާ ކައުންސިލަރަކާއި ހެންވޭރު ދެކުނު ދާއިރާ އަށް އާ ކައުންސިލަރަކު ހޮވާނެއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އޭރު މޭޔަރުކަން ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި މޭޔަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އިސްތިއުފާދެއްވީ ރައީސް އޮފީހުގެ ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައެވެ.

އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އިސްތިއުފާދެއްވީ ރައީސްގެ ރަސްމީ ގެކޮޅުގެ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައެވެ.

ހުސްވެފައިވާ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ:

  • - ޝުއައިބު އަލީ (އަމިއްލަ)- ހުސައިން ވަހީދު (އަމިއްލަ)- އައިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)- އާދަމް އާޒިމް (އެމްޑީޕީ)- މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މިހާރު ކުރަމުންދާ ވިއްސާރަޔާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، މިރޭ 8 އިން 10 އަށް ރީނދޫ ސަމާލު ނެރެފައެވެ.