ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހައްޔަރުކުރި ޔުނާން، ޝަރުތުތަކާ އެކު ހުޅުމާލެ ކޯޓުން ދޫކޮށްލީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ޔުނާން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ނިންމީ ޔުނާން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ވުމުން، ހުޅުމާލެ ކޯޓުން އެކަމާ މެދު އަލުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ހައިކޯޓުގެ ނިންމުމާ ގުޅިގެން އެ އޮފީހުގެ އިރުޝާދުގެ ދަށުން ފުލުހުން އިއްޔެ ޔުނާން ހައްޔަރުކުރީ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އަލުން ބަންދުކުރަން ނިންމީ ކަމަށް ވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ އަށް ދައުވާކުރި މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތްވެފައެވެ. ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައެވެ

2019 އަހަރާއި 2020 ވަނަ އަހަރު 15 އަހަރުން ދަށުގެ ކުޑަކުއްޖަކާ އެކު އެކި ފަހަރު މަތިން ޖިންސީ ގުޅުން ހިންގައި، ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާންގެ ދެމަފިރިންނަށް ޖުމްލަ 14 ދައުވާ އެއް ދައުލަތުން ކުރިއެވެ. އޭގެ ތެރެއިން ޔުނާނުގެ މައްޗަށް ނުވަ ދައުވާއެއް ކުރިއެވެ. އަދި ރިހުލާ އަށް ފަސް ދައުވާ އެއް ކުރިއެވެ.

އެ މައްސަލައިގައި ހިމެނޭ ކުދިންނާއި ހެކިބަސް ދޭ ފަރާތްތަކާ ބައްދަލު ނުކުރުމަށް ރިހުލާގެ މައްޗަށް ޝަރުތުކޮށް އޭނާ މިދިޔަ މާޗު މަހު ވަނީ ދޫކޮށްލައިފައެވެ.