މާލޭގެ މަގުތަކުން ފެންހިންދަން އެމްއެންޑީއެފްއިން ނިކުމެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެސްޓީއޯ ފުށްގުދަނާއި އައިޖީއެމްއެޗާޢި ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ވަނީ ރެއާއި މިއަދު ވަރަށް ބޯކޮށް ވިއްސާރަވެހިފައެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިހާރުވެސް ވަނީ މާލެ ހިމެނޭހެން ކ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 2:30 ގެ ނިޔަލަށް އެ ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފައިވާއިރު މެޓުން ބުނީ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ގަމަރުގިރީގައި އަޅާފައި އޮތް މަންތާ އެއާލައިންގެ ސީޕްލޭނަކަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.