ރާއްޖެއާއި ޓައިވާނާއި ދެމެދު އެއްވެސް ރަސްމީ ގުޅުމެއް ނުބޭއްވުމަށް ނިންމާ، ރާއްޖެ އާއި ޗައިނާ އާއި ދެމެދު އެއްބަސް ވެއްޖެއެވެ.
މިގޮތަށް ރާއްޖެއިން އެއްބަސްވެފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެކަން ހާމަކޮށް ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ ގައުމީ ސިޔާދަތާއި، މިނިވަންކަމާއި، ގައުމީ ކަރާމާތް ދެމެހެއްޓުމުގައި، ރާއްޖެއަށް ބޭނުންވާ ގައުމިއްޔަތު ގެނެސްދިނުމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށް ދިނުމާއެކު، ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ޗައިނާއިން ދެކޮޅު ހަދާ ކަމަށެވެ.
ހަމައެހެންމެ "ވަން-ޗައިނާ" ސިޔާސަތު ގަބޫލުކޮށް، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޗައިނާ ސަރުކާރުކަމަށް ގަބޫލުކޮށް، ޓައިވާނަކީ ޗައިނާގެ ސަރަޙައްދުގެ ވަކިނުކުރެވޭނެ ބައެއްކަން ގަބޫލުކޮށް، އެއްޗައިނާ ސިޔާސަތަަށް ތާއީދުކުރުންމަތީ ދިވެހިރާއްޖެއިން ސާބިތުވެ ދެމި އޮންނާނެ ކަމަށް އެއްބަސްވެފައިވާކަމަށް ރައީސް އޮފީހުން ނެރުނު ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ވެއެވެ.
މީގެ އިތުރުންވެސް ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ނުވަތަ އަމަލަކާ ރާއްޖެއިން ދެކޮޅު ހެދުމުގެ އިތުރުން، ޓައިވާންގެ މިނިވަންކަން ކަމާއި އެގައުމުން ވަކިވެގަތުމުގެ ހިންގާ ހުރިހާ ހަރަކާތަކާ ދެކޮޅު ހެދުމާއެކު ޓައިވާނާ އެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމަށް ރާއްޖެއިން އެއްބަސްވެފައިވެއެވެ.
މީގެ އިތުރުންވެސް ރައީސްގެ ރަސްމީ މި ދަތުރުފުޅުގައި ރާއްޖެއިން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭއިރު އެއްބަސްވުމުގެ ދަށުން 30،000 ހައުސިން ޔުނިޓް ތަަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
އަދި ހަމައެހެންމެ އެކްޝަން ޕްލޭން އޮން ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނާޝިޕް އެއްބަސްވުމަކާއި އެކްސްޗޭންޖް އޮން ކޯޕަރޭޝަން އޮން އިކޮނޮމިކް ޑިވޮލަޕްމަންޓް ޕޮލިސީ، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ޑިޖިޓަލް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕް އެއްބަސްވުމެއް ހިމެނެއެވެ.
މީގެ އިތުރުންވެސް މި ސަރުކާރުން ރާއްޖެއަށް އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭނަށް ޗައިނާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ޗައިނާއިން ވަނީ ދީފައެވެ.