އިޒްރޭލާ ދެކޮޅަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާ އިން ޖެނޮސައިޑް [ގަތުލުއާންމު] މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ ދެކުނު އެފްރިކާއިން ހުށަހެޅުމުން މުޅި ދުނިޔޭގެ ނަޒަރު މިވަނީ އެ ގައުމަށް ހުއްޓިފައެވެ.

އިޒްރޭޅުން ގާޒާގައި މީހުން މަރަމުންދާ ކަމުގެ ތުހުމަތު ކޮށް މިއަދު ހެނދުނު ދެކުނު އެފްރިކާ އިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުންނެވެ. އެ މައްސަލަ ތަމްސީލް ކުރާނީ ލޯކަލް ހަ ގާނޫނީ ވިސްނުމަކުންނެވެ.

ދެކުނު އެފްރިކާގެ ވަކީލުން ފުރަތަމަ ބަހުސްތައް ފެށުމުގެ ގޮތުން ވިދާޅުވީ އެންމެ ފަހުގެ ގާޒާ ހަނގުރާމައަކީ އިޒްރޭލުން ފަލަސްތީނަށް ޒަމާނުއްސުރެ ދެމުން ގެންދާ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި ހިމެނޭ ހަނގުރާމައެއް ކަމަށެވެ. އަދި ގާޒާގައި އިޒްރޭލުގެ އަސްކަރީ ކެމްޕެއިން ވަގުތުން ހުއްޓާލުމާއި، އިޒްރޭލުގެ މައްޗަށް ލާޒިމު އިބްތިދާއީ އަމުރުތައް ނެރުމަށް ފަނޑިޔާރުންގެ ކިބައިން ވަނީ އެދިފައެވެ.

ދެކުނު އެފްރިކާގެ ގާނޫނީ ވަކީލު އާދިލާ ހާސިމް ވިދާޅުވީ، ޖެނޮސައިޑް އަކީ ކުރިން އިއުލާނު ކުރާ ކަމެއް ނޫން ކަމަށާއި އެކަމަކު ވޭތުވެދިޔަ 13 ހަފުތާގެ ހެކިތަކުގެ ކޯޓަށް ފެންނަން އެބަ އޮތް ކަމަށެވެ. އެއީ ޖަރީމާގެ އަމަލެއް ހިންގުމުގެ ސައްހަ ދަލީލެއްގެ ގޮތުގައި ސާބިތުކޮށްދޭ އަހުލާގީ ވައްޓަފާޅިއެއް އަދި އެއާ ގުޅުން ހުރި ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކޯޓުގެ އަމުރެއް ފިޔަވައި އެހެން އެއްވެސް ކަމަކުން ވޭން ހުއްޓައެއް ނުލެވޭނެ،" އާދިލާ ވިދާޅުވިއެވެ.

ހަމައެއާއެކު ދެކުނު އެފްރިކާގެ ގާނޫނީ ވަކީލް ޓެމްބެކާ އެންގްކިއުކައިޓޯބީ ވިދާޅުވީ، ގާޒާގެ ހަލާކުގެ މިންވަރާއި، އާއިލީ ގެތަކަށާއި އާންމުންނަށް އަމާޒުކޮށް، ކުރަމުންދާ ހަނގުރާމައަކީ ކުޑަކުދިންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށެވެ. މިހުރިހާ ކަމަކުން ވެސް އެނގެނީ، ޖަރީމާގެ ނިޔަތަކީ ވެސް ޑިޒައިން ކޮށްގެން ކުރާ ކަމެއް ކަމަށާއި ހާމަވި މަގްސަދަކީ ފަލަސްތީނުގެ ދިރިއުޅުން ހަލާކުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އައިސީޖޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އާންމު އަޑުއެހުމުގައި ދެކުނު އެފްރިކާ އާއި އިޒްރޭލުން ވެސް އެ ދެ ގައުމުގެ ވާހަކަތައް ހާމަކުރާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި އިޒްރޭލާއި ފަލަސްތީން ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެ، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފައިވާ އިރު، ދެކުނު އެފްރިކާގެ ޖަސްޓިސް މިނިސްޓަރު ރޮނާލްޑް ލަމޯނާ މި ވާހަކަތަކަށް އަލިއަޅުވާފައި ވެއެވެ.

ދާދި ފަހުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ލަމޯލާ ވިދާޅުވެފައި ވަނީ، އެ ގައުމުން އެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގާޒާގައި ޖަރީމާ ހިންގަމުންދާ ކަމަށް ދަލީލެއް އޮތުމުން ކަމަށެވެ. ލަމޯލާ ވިދާޅުވި ގޮތުގައި ގާޒާގައި ޖަރީމާތައް ހިންގަނީ މަދަނީ އާބާދީއަކާއި ކުށެއް ނެތް އާންމުންނާއި ކުޑަކުދިންނާއި އަންހެނުން ގެއްލުވާލުމާއި ގާޒާގެ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްގެން ކަމަށެވެ.