ބުރާސްފަތި ދުވަހުގެ ފަތިހު 4.30 ގައި އެހީގެ ޓްރަކްތައް ގާޒާގެ އުތުރަށް ވަންނަން ދިޔަ އިރު, ހައިހޫނު ކަމުގައި ތިބި ގާޒާގެ އާންމުން ޓްރަކްތަކާ ދިމާއަށް ދުއްވައިގަންނަ މަންޒަރު އާންމުވެފައި ވާ ވީޑިއޯތަކުން ފެނެއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ޓްރަކްތަކާ ދިމާއަށް ދުއްވައިގަން އިރު, ގާޒާއަށް އެ ވަގުތު ވަނީ 31 ޓްރަކެވެ. އޭގެ ތެރެއިން 20 ޓަރަކެއް މަސައްކަތް ކުރީ ގާޒާގެ އުތުރުގައި ހާލުގައި ޖެހިފައި ތިބި މީހުންނާ ހިސާބަށް ދިޔުމަށް އުތުރަށް ވަނުމަށެވެ.

އިޒްރޭލު ސިފައިން ތިބީ, ގާޒާގެ އުތުރާއި ދެކުނު ވަކިކުރަން އެމީހުން ކަނޑާފައި މަގުގެ ގާޒާގެ އުތުރާވީ ފަޅިއަށް ޖަހާފައި ހުރި އުސް ފަސްފުނިތަކުގެ މަތީގައެވެ. ޓޭންކަރުތަކާއި އަސްކަރީ އުޅަނދުތަކުގައި އެމީހުން ތިއްބާ, ކާނާގެ ބޭނުމުގައި އާންމުން ޓްރަކްތަކާ ދިމާއަށް ދުއްވައިގަތެވެ.

ހިނިހަރަކުން ހިނި ނިކުތްހެން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ޓްރަކް ތަކާ ދިމާއަށް ދުއްވައިގަން ވަގުތު އިޒްރޭލު ސިފައިން ބަޑިޖަހަން ފެށިއެވެ. އެ އަޑާއެކު އާންމުން އެނބުރި ފަހަތަށް ދުއްވައިގަތެވެ. ނަމަވެސް ބަޑިޖެހުން ހުއްޓާލުމާއެކު އަނެއްކާވެސް އާންމުން ދުއްވައިގަތީ ޓްރަކްތަކާ ދިމާއަށެވެ.

ޓްރަކްތައް ކައިރިއަށް ފަތިސް ގަޑީގައި އާންމުން އެއްވާ މަންޒަރު ފެންނަ އޭރިއަލް ފޮޓޯއެއް

އެ ވަގުތަކީ އިޒްރޭލުން ހިންގި ގަތުލު އާންމު ހިންގާ 112 މީހަކު މަރާލައި 700 މީހަކު ޒަހަމްކޮށްލި އުދުވާން ހިންގި ވަގުތެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނީ, ފުރަތަމަ ޖެހި ބަޑިއާއެކު އާންމުން ފަހަތަށް ޖެހުނު ކަމަށާއި, ވަގުތު ކޮޅަކަށް ބަޑިޖެހުން ހުއްޓާލުމާއެކު އަނެއްކާވެސް އާންމުން ޓްރަކްތަކަށް ދިޔަ ވަގުތު ދެން ބަޑިޖަހަން ފެށީ އެއްއެއް މިއެއް ނުބަލައި ކަމަށެވެ.

އެއާއެކު ގިނަ އަދަދެއްގެ ބަޔެއްގެ ގަޔަށް ވަޒަން އަރާ ވެއްޓެމުން ދިޔަ ކަމަށާއި, އެންމެންވެސް ދެން ދުވީ ސަލާމަތް ވާން ކަމަށެވެ. އެހެން ދުވުމުގެ ތެރޭގައި ވަޒަން އަރާ އެކި ތަންތަނަށް ވެއްޓިފައި ތިބި ގިނަ ބަޔަކު ތިބި އިރު އުސްފަސްގަނޑުމަތިން ފައިބައިގެން އައި ޓޭންކަރުތައް ދިޔައީ ވެއްޓި ލެއިން ތަތްތެޅިފައި ތިބި މީހުންގެ ގައިމަތިން ކަމަށެވެ.

އެ މަންޒަރުތަކުގެ ފޮޓޯތައްވެސް މިހާރު އާންމު ވެފައި ވާ އިރު, ޓޭންކަރުގެ ފުރޮޅު ޗޭނު މީހުންގެ ގައިން ވަރިނަގާ ގޮސްފައި ވާ އިރު, ބައެއް މީހުންގެ ހަށިގަނޑު ޗިސްޗިސްވެ ހުރީ މަސްތައް ފަޅަފަޅައިގެން ގޮސް އެކި ދިމަދިމާއިން ނިކުމެވަފައެވެ.

މިހާދިސާ ހިނގީ ހަނގުރާމަ ފެށުނު އިރުން ސުރެ ފެށިގެން ރައްކާތެރި މަގެއްގެ ގޮތުގައި އިޒްރޭލުން ބުނަމުން ދިޔަ އަލް ރަޝީދު ސްޓްރީޓުގައި އޮންނަ ވަށްބުރު ކައިރީގައެވެ. މިއީ ގާޒާގެ އުތުރުގެ ދެކުނު ކޮޅެވެ.

އިޒްރޭލުން މި ގަތުލު އާންމު ހިންގާފައި މިވަނީ, ގާޒާއަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާ ކަމަށާއި ގާތްގަނޑަކަށް 560,000 އެއްހާ މީހުން ބަނޑަށް ޖެހިފައި ވާ ކަމަށް ވޯލްޑް ފްޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ފަރާތުން އދ ގެ ސަލާމަތީ މަޖިލީހުގައި ބުނިތާ އެއް ދުވަސް ނުވަނީހެވެ. ޑަބްލިއުއެފްޕީން ބުނީ, އުމުރުން 2 އަހަރުގެ ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކީ, ހެދިބޮޑުވުމަށް ބޭނުންވާ ކާނާ އެއްވެސް މިންވަރަކަށް ނުލިބޭ ކުއްޖެއް ކަމަށާއި ދެން ތިބި ކުދިންނަށް ވެސް އެކަށީގެންވާ މިންވަރާ ގާތަށް ވެސް ރަނގަޅު ކާނާ ނުލިބޭ ކަމަށެވެ. އަދި ކޮންމެ 4 މީހަކުން އެކަނީ ބަނޑަށް ޖެހުމުގެ ބިރާ ކުރިމަތިލާން ޖެހިފައި ވާ މީހެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން ގާޒާގެ އާންމުން ބުނީ, ގަބޫލު ކުރެވެނީ އެއީ ގަސްދުގައި ރާވައިގެން އެމީހުން މެރިމަށްޓަކައި ޖެހި ދަންތުރައެއް ކަމަށާއި އެންމެން އެއްވާ ވަގުތު ބަލާފައި ބަޑިތަޅައިގަތީ ކަމަށެވެ. އެމީހުން ބުނީ, އިޒްރޭލު ސިފައިން ޓޭންކަރުންނާއި އަސްކަރީ ބޯޓުތަކުންނާއި ބަޑިން ހަމަލާ ދިން ކަމަށެވެ. ނަމަވެސް ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ, ޓޭންކަރުން ޖަހާ ބޮޑު އުންޑަ ނުޖަހާ ކަމަށާއި ނަމަވެސް ބަޑި ޖެހި ކަމަށެވެ.

މި ލާއިންސާނީ ހަމަލާ އާ ގުޅޭ ގޮތުން އިޒްރޭލުން ބުނެފައި ވަނީ, ޓްރަކްތަކަށް އެއްވި މީހުން އިޒްރޭލުގެ ޓޭންކަރުތަކާ މާ ކައިރި ވި ކަމަށާއި އެއީ އިޒްރޭލުގެ ފައުޖުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ފެނުމުން ބަޑިޖެހީ ކަމަށެވެ. އަދި އެހީގެ ޓްރަކުތައް ވަށާލި ބައެއް މީހުން ޓްރަކުތައް ހިސޯރު ކޮށް އަތްދަށުގައި އޭގެ ކޮންޓްރޯލް ނެގި ކަމަށާއި އެމީހުން ޓްރަކުތަކަށް އަރާ އާންމުންގެ ތެރެއަށް ދުއްވަން ފެށީ ކަމަށެވެ.