އިޒްރޭލުގެ ކުރީގެ އަސްކަރީ ޖެނެރަލުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ގާޒާގެ އުތުރު އެއްކޮށް ހުސްކޮށްލުމުގެ އާ ޖަރީމާއެއް ފަށައިފިއެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރު ކުރުވި ނަމަވެސް ނުގޮސް ތިބި މީހުންގެ ތެރެއިން 400،000 އެއްހާ މީހުން މިހާރުވެސް ގާޒާގެ އުތުރުގައި އެބަތިއްބެެވެ. ހަނގުރާމައިގެ ކުރިން 1.2 މިލިއަން މީހުންގެ އާބާދީއެއް އޮތް ތަނަކުން، މަރާ އަދި ފައްސަމުން ދިޔުމުގެ ސަބަބުން ގެދޮރު ދޫކޮށް ގިނަ ބަޔަކު ވަނީ ގާޒާގެ ދެކުނުން މިސްރުގެ އިމާ ކައިރިއަށް އޮންނަ ސަރަހައްދުތަކަށް ގޮސްފައެވެ.

ގާޒާގެ އުތުރަކީ އިޒްރޭލާ އިންވެގެން އެންމެ ގާތަށް އޮންނަ ސަރަހައްދުތައް ކަމުން، އެ ސަރަހައްދު އަތްދަށުލުމަށްޓަކައި އިޒްރޭލުން ވަނީ އާ ޕްލޭނެއް ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން ގާޒާ ސްޓްރިޕް އާއި ގާޒާ ވަކިވާނޭހެން މެދުން ހުރަހަށް ބޮޑު މަގެއް ކަނޑާ، އެ މަގު ހުރަސްކޮށް އެއްވެސް މީހަކަށް ގާޒާގެ އުތުރަށް ނުވަދެވޭނެ ގޮތް ވަނި ހަދާފައެވެ.

އދ ގެ އިދާރާތަކުން ބުނާގޮތުގައި ފާއިތުވި މަހެއްހާ ދުވަހު އެއްވެއް ކާބޯއެއްޗެއް އެ ސަރަހައްދަކަށް ނުލިބެއެވެ. އެހެން ކަމުން އެތާނގައި ތިބި ބަޔަކު ވިއްޔާ ތިބީ ބަނޑަށް ޖެހި މަރުވުމުގެ މަގުމަތީގައެވެ.

އިޒްރޭލުން އަލަށް ފެށި ޖަރީމާ ރާވާ ތަންފީޒު ކުރުމުގައި ކުރިން އަސްކަރިއްޔާގައި އުޅުނު ބައެއް ޖެނެރަލުން ބައިވެރިވާ އިރު، އެމީހުންގެ ޕްލޭނަކީ ގާޒާގެ އުތުރުން އެންމެން ހުސްކޮށްލައި އެ ސަރަހައްދު އަތްދަށު ލުމެވެ. އެގޮތުން ހިންގާ އެ ޖަރީމާގައި ޖަބަލިޔާ އާއި ބައިތް ހަނޫން އާއި ބައިތް ލާހިޔާ މިހާރު ވަށާލައި އެތާނގައި ތިބި އެންމެންގެ ދުވަސް ދުއްވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިޒްރޭލުގެ އަމުރަށް ގެދޮރު ދޫކޮށް ނުދާ މީހަކު ވިއްޔާ އޮތީ މެރުމެވެ. ގެދޮރު ދޫކޮށް ނިކުންނަ މީހުނަށް ވެސް އޮތީ މަރެވެ. އެހެން ކަމުން އާންމުން ބުނަމުން ދަނީ 'މަރުވަންޏާ މަރުވާނީ އަމިއްލަ ވަޒަނުގައި'' ކަމަށެވެ.

ބައެއް މީހުން ޖާނާއި ފުރާނަ ސަލާމަތް ކުރަން މަގުތަކަށް ނިކުންނަންމުން ދާއިރު އިޒްރޭލުން ގެންދަނީ ކޮޅަށް ހުރި ގެއެއް ވިއްޔާ ތަޅާ ސުންނާފަތި ކުރުމުގެ ނުބައި ޖަރީމާ ހިންގަމުންނެވެ. އެ ޖަރީމާގައި ގޭގައި ނުނުކުމެ ހުރި މީހަކު ހުރިއްޔާ އެމީހަކާއެކު ގެ ފުނޑުފުނޑު ކޮށްލައެވެ. އެ މަންޒަރުތައް ކެމެރާ ކުރަން ނޫސްވެރިންނަށް ވެސް ގާޒާގެ އުތުރަށް ވަނުން އޮތީ މަނާކޮށްފައެވެ.

ފްރާންސެކާ އަލްބަނީސް

ބައިތް ލާހިޔާއަށް ނިސްބަތްވާ ރައްޔިތަކު އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ލުބުނާނަށް ދުނިޔޭގެ ކަޅި ހުއްޓިފައި ވަނިކޮށް އިޒްރޭލުން ގެންދަނީ ޖަބަލިޔާ ސުންނާފަތި ކުރަމުން ކަމަށެވެ. އެކަން ޔަގީން ކޮށްދީ، ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ އދ ގެ މަންދޫބު ވިދާޅުވީ، ޖަބަލިޔާ ރެފިއުޖީ ކޭމްޕްގައި އިޒްރޭލުން ގަތުލުއާންމެއް ހިންގަމުން ގެންދާ ކަމަށެވެ.

"އެމީހުން ގެންދަނީ ވަކިވަކިންނާއި ގްރޫޕް ގްރޫޕަށް ޖަބަލިޔާއިން މީހުން މަރަމުން" ފްރާންސެކާ އަލްބަނީސް ވިދާޅުވިއެވެ.

މަންދޫބު އިތުރަށް ވިދާޅުވީ، އިޒްރޭލުން އެ ޖަރީމަ ހިންގަމުން ދަނީ ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ހުޅަނގުގެ މަދަަދުގައި ކަމަށެވެ. އަދި އެ ހުރިހާ ކަމެއް އެނގި ތިބެމެ، އިޒްރޭލު ހުއްޓުވުމުގައި އެ ޖަމާއަތް ވަނީ ނުކުޅެދިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން ގާޒާގެ އުތުރު ހުސްކޮށްލުމުގެ ނުބައި ޖަރީމާ ހިންގާތާ މިހާރު މިއީ 9 ވަނަ ދުވަހެވެ.