ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ކުށްވެރިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލައިގައި ރާއްޖެ ތަމްސީލުކުރުމަށް ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އިޒްރޭލުން ހިންގާ ގަތުލުއާންމު ކުށްވެރިކޮށް ދެކުނު އެފްރިކާ އިން އައިސީޖޭ އަށް ހުށަހެޅި މައްސަލައިގައި ދިވެހި ސަރުކާރުން ބައިވެރިވާން ނިންމިކަން ހާމަކުރެއްވީ ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ރާއްޖެ ތަމްސީލުކުރައްވަނީ ބަންޑާރަނައިބު އަހްމަދު އުޝާމް ކަމަށެވެ.
މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ދެކުނު އެފްރިކާ އިން އައިސީޖޭ އަށް ހުށަހެޅި މައްސަލައިގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލައިގައި އެ ކޯޓުގެ 17 ފަނޑިޔާރުން ވަނީ ހަ އަމުރެއް ނެރެފައެވެ. އެގޮތުން އިޒްރޭލުގެ އަސްކަރީ ކެމްޕެއިންގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށާއި، ގަތުލުއާންމުކުރުމަށް ހިތްވަރު ދޭ ނަމަ އެކަން ހުއްޓުވައި އަދަބު ދިނުމަށާއި ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރު ކުރުމަށެވެ. އަދި ނަސްލު ނައްތާލުމާ ގުޅޭ އެންމެހާ އަމަލުތައް ހުއްޓާލުމަށް ވެސް އަމުރުކޮށްފައިވެއެވެ.
އައިސީޖޭގެ ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެ އެ ނިންމުމަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވައިފައެވެ.