އިވުނު ބާރު އަޑުފައްގަނޑާއެކު ޖާވިދު އަލީ އަވަސްވެގަތީ ހޮސްޕިޓަލަށް ދާށެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެއް ކަމުން އިވުނު ބާރު އަޑުފައްގަނޑަކީ އިޒްރޭލުގެ ހަމަލާއެއްކަން ޖާވިދަށް ދެނެގަންނާކަށް ދައްޗެއް ނުވިއެވެ.

ގާޒާގެ އިންޓަނެޝަނަލް މެޑިކަލް ކޯޕްސްގެ ޑިރެކްޓަރުކަން ކުރާ ޖާވިދު ބުނީ ހޮސްޕިޓަލަށް ދިޔަތާ ގިނަ އިރުތަކެއް ނުވެ، އެމްބިއުލާންސަކަށް ފަހު އެމްބިއުލާންސެއް ހޮސްޕިޓަލަށް އަންނަމުން ދިޔަ ކަމަށާއި ކޮންމެ އުޅަނދެއް ފުރިފައި ވަނީ ފުރާނަ ނެތް މީހުންގެ މަސްގަނޑުތަކާއި އަނދާ އަޅިއަށްވެފައި ހުރި މީހުންގެ ހަށިގަނޑުތަކާއި ޒަހަމްތަކާއކު ލެއިން ތަތްތެޅިފައި ވާ މީހުން ކަމަށެވެ.

"ފުރަތަމަ 5 މިނެޓެއްހާ އިރުގެ ތެރޭގައި 75 ވަރަކަށް މީހުން ގެނައި، އޭގެ ތެރެއިން 25 މީހެއްގެ ހާލު ވަރަށް ސީރިއަސް"
ޖާވިދު

އެ ހާދިސާ ތަފްސީލު ކޮށްދެމުން ޖާވިދު ބުނީ ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރޭގައި އަނދާ ދެލިގަނޑަކަށް ވެފައި ތިބި މީހުން ތިބި އިރު އެންމެ އަސަރު ކުރުވި އެއް މަންޒަރަކަށް ވީ، ބައްޕަ އަކު އުމުރުން 3 އަހަރުގެ އޭނާގެ ދަރިފުޅުގެ ގައިގައި ބައްދާލައިގެން އޮތް މަންޒަރުން ކަމަށެވެ.

"އެ ދެބަފައިން އޮތީ އަނދާފައި، ބައްޕަ ދަރިފުޅުގެ ގައިގައި ބައްދާލައިގެން އޮތް އިރު އެނދުމުގެ ސަބަބުން ދެބަފައިން އެޮތީ އެކުވެފައި، ދެބަފައިންގެ ހަށިގަނޑު ވަކިކުރާކަށް ވެސް ނޭނގުނު"

ޖާވިދު ބުނީ، އެ ދެބަފައިން ވަކި ނުކުރެވުމުން ވަޅުލާން ގެންދިޔައީ ދެބަފައިން އެއް ކަފުނަަކަށް ލައިގެން ކަމަށެވެ.

ޖާވިދު ލޮލުން ދެކެ އަތުން ހިފި އެ މަންޒަރު ސިފަކޮށް ދިން އިރު ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިޒްރޭލުން ކަނޑައެޅި ތަލް އަލް ސުލްތާންގެ ރެފިއުޖީ ކޭމްޕަށް ބޮން އެޅީ އެންމެން ނިދާފައި ތިއްބާ މެންދަމުން އަލިވެ 3 ޖެހި ފަހުންނެވެ.

ސަހަރާތެރޭގައި ޓެންޓް ޖަހައިގެން ތިބި އެތައްހާސް ބަޔަކު ނިދާފައި ތިއްބާ ބޯމައްޗަށް ވައްޓާލި ބޮމާއެކު ދިރިތިއްބާ ގިނަ ބަޔަކު އަނދައިގެން ދިޔަ އެ ހާދިސާގައި ޖުމްލަ 45 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ޒަހަމްވި މީހުންގެ އަދަދު 270 އަށް އަރައެވެ.

އެ ހަމަލާ ދެވިގެން ޔަހޫދީ އިޒްލޭލާއި އެމެރިކާ އަށް ކަމަކަށް ނުވި އިރު ޔޫރަޕާއި އަރަބި ދުނިޔޭގެ ބައެއް ގައުމުތަކުގެ އިތުރުން ދިވެހިރާއްޖެއިން ވަނީ އެ ގަތުލުއާންމު ކުށްވެރި ކޮށްފައެވެ.

ޔަހޫދީ އިޒްރޭލުން ބުނަނީ، އެ ހަމަލާ ދެވުނު ގޮތެއް ބަލައި ތަހުގީގު ކުރަމުން ދާ ކަމަށާއި ހަމާސް ނައްތާލުމަށްޓަކައި ދެމުން ގެންދާ ހަމަލާތައް ކުރިއަށް ދާނެ ކަމަށެވެ. އެމެރިކާއިން ބުނީ، ހަމަލާ ދޭ އިރު ވީހާ ބޮޑަކަށް އާންމުންގެ ސަލާމަތަށް ބަލައިގެން ހަމަލާ ދެމުން ގެންދިޔުމަށެވެ. ޔޫރަޕާއި މެދުއިރުމަތިން އަދި ދިވެހިރާއްޖެ ފަދަ ގައުމުތަކުން އިޒްރޭލުގެ އެ ނުރައްކާ ޖަރީމާ ކުށްވެރި ކޮށް ބުނެފައި ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާވެސް މުޅިން ހިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމު ކުރަން ޖެހޭ ވަގުތު ކަމަށާާއި އިޒްރޭލުގެ އުދުވާން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ރަފާގެ އެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށް ފަހު ހަމަލާތައް އިތުރަށް ވަރުގަދަ ކޮށް، ސައުދީ، ތަލް ޒަބޫރު، އަލް ހަޝާޝިން ފަދަ ރެފިއުޖީ ކޭމްޕްތަކަށް އިޒްރޭލުން ވަނީ ހަމަލާ ދޭން ފަށާފައެވެ.

މިހާތަނަށް 36،050 މީހަކު ޝަހީދު ކޮށްލާފައި ވާއިރު ޒަހަމްވެފައި ވާ މީހުންގެ އަދަދު ވަނީ 81،026 އަށް އަރާފައެވެ.

އިޒްރޭލުގެ އުދުވާނަށް ހުއްޓުމެއް ނެތް އިރު ގާޒާގެ އުތުރުގައި ހިންގި ފަދަ ޖަރީމާއެއް ގާޒާގެ ދެކުނުގައި އިޒްރޭލުން ދަނީ ހިންގަމުންނެވެ. ތެލާއި ބޯފެނާއި ކާބޯތަކެތި އަދި ބޭސް ލިބުން ހުއްޓުވާފައި ވުމުގެ ސަބަބުން އެންމެ ބޮޑު ހޮސްޕިޓަލް [އަލް އަގްސޯ] މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ދެން ހުރި ކުވައިތް ހޮސްޕިޓަލް ވަނީ އެކީގައި ހުއްޓިފައެވެ.

އިޒްރޭލުގެ އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ބާސެލޯނާ، އިސްތަންބޫލް، ޕެރިސް، ނިއުޔޯކް އަދި ޔޫނިސް ފަދަ ޝަހަރުތަކުގައި ބޮޑެތި މުޒާހަރާތައް ކުރަމުން އަންނަ އިރު ދުނިޔޭގެ ބާރުގަދަ 'ޑިމޮކްރަސީ' ތައް ވަނީ އިޒްރޭލު ހުއްޓުވުމުގައި ނުކުޅެދިފައެވެ. މުރާސިލުން ބުނާ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާއިން އިޒްރޭލަށް މަދަދު ދިނުމާއި އެފަދަ ގައުމުތައް އެމެރިކާގެ ނުފޫޒުގެ ދަށުގައި ފިތިފައި ވުމެވެ.

ރަފާ އަށް އިޒްރޭލުން ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ކުރި އަމުރަށް ތަބާވުމަށް އިޒްރޭލުގެ ޕާޓުނަރުންވެސް ގޮވާލަމުން ދާ އިރު އިޒްރޭލުން ބުނަމުން ދަނީ އެމީހުން ރަފާ އާއި ގާޒާގައި ހިންގަނީ އެ ކޯޓުގެ އަމުރާ އެއްގޮތަށް އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން ހަމަލާތަކުގައި އާންމުންނަށް ގެއްލުން ލިބޭ މިންވަރު ކުޑަކުރުމާއެކު ހަމަލާ ދެނީ އިޒްރޭލުގެ ދެމިއޮތުމަށް ހުރަސް ކުރިމަތި ކުރާ ހަމާސް އަށް ކަމަށް ބުނެފައެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ގާޒާއަށް ވައްދަން ހުއްދަ ދޭ ކަމަށް ވެސް ބުނެ ގޮންޖަހާފައި ވެއެވެ.